މަހިންދަ ރާޖަޕަކްސާ އައު ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވައިކުރައްވައި

މިއަދު އޮތް ހުވައިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ރައީސު ގޮތާބޭ ރާޖަޕަކްސާ (ކ) އަދި އޭނާގެ ބޭބޭފުޅު، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ

ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ އައު ދައުރަކަށް މަހިންދަ ރާޖަޕަކްސާ މިއަދު ހުވައިކުރައްވައިފިއެވެ. އޭނާގެ ކޮއްކޯފުޅު، ރައީސު ގޮތާބޭ ރާޖަޕަކްސާގެ ކުރިފުޅުމަތީގައި މަހިންދަ ބޮޑުވަޒީރުކަމުގެ ހުވައިކުރެއްވީ ކޮލޮމްބޯ ކައިރީގައި ހުންނަ ތީރީޚީ ފައްޅި، ކެލާނިޔާ ރާޖާ މަހާ ވިހާރައިގައެވެ.

މިއީ އޭނާ ބޮޑުވަޒީރުކަމުގެ ހުވައިކުރެއްވި 4 ވަނަ ފަހަރެވެ. އޭނާ ފުރަތަމަ ބޮޑުވަޒީރުކަމުގެ ހުވައި ކުރެއްވީ 2004 ވަނަ އަހަރުއެވެ. ދެވަނަ ފަހަރަށް ހުވައިކުރެއްވީ އޮކްޓޯބަރު 2018 ގައެވެ. އަދި ތިންވަނަ ފަހަރަށް ހުވައިކުރެއްވީ ނޮވެންބަރު 2019 ގައެވެ.  

ސްރީލަންކާ ޕޮދުޖަނަ ޕެރަމޫނާ (އެސްއެލްޕީޕީ) ގެ ލީޑަރު، އުމުރުން 74 އަހަރުގެ މަހިންދަ ރާޖަޕަކްސާ ވަނީ ކުރުނެގަލާ ޑިސްޓްރިކްޓުން ވާދަކުރައްވައި 5 ލައްކައަށް ވުރެ ގިނަ ޕްރިފަރެންޝަލް ވޯޓު ހޯއްދަވާފައެވެ. މިއީ ސްރީލަންކާގެ އިންތިޚާބީ ތާރީޚުގައި މެންބަރުކަމަށް ކުރިމަތިލީ ކެންޑިޑޭޓަކަށް ލިބުނު އެންމެ ގިނަ ވޯޓެވެ.

މި އިންތިޚާބުގައި އެސްއެލްޕީ އެކަނި 145 ގޮނޑި ކާމިޔާބުކޮށްފައި ވާއިރު، އެ ޕާޓީއާ ގުޅިފައިވާ ކުދި ޕާޓީތަކުން ވަނީ 5 ގޮނޑި ކާމިޔާބުކޮށްފައެވެ. ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގައި 225 ގޮނޑި ހިމެނޭއިރު، 150 ގޮނޑިއަކީ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތަށް ފުދޭ އަދަދެކެވެ.

2005 އިން 2015 މަހިންދަ ރާޖަޕަކްސާ ސްރީލަންކާގެ ރައީސުކަން ކުރެއްވި 10 އަހަރުގެ ތެރޭގައި އޭނާގެ ކޮއްކޯފުޅު އަދި މިހާރުގެ ރައީސު ގޮތާބޭއާ ދެބޭފުޅުން ވަނީ ގައުމުގެ އުތުރާއި އިރުމަތީގައި ތަމަޅައިން ކުރި ހަނގުރާމަ ނިމުމަކަށް ގެންނަވާފައެވެ. އެކަމުގައި، ސަރުކާރު ސިފައިން އިންސާނިއްޔާ ޚިލާފު ޖަރީމާތައް ހިންގާފައިވާކަމަށް ބުނެ ބައިނަލްއަގުވާމީ ފަރާތްތަކުން  ރާޖަޕަކްސާއަށް ފާޑުކިޔަމުން ދިޔަ ނަމަވެސް ދެ ބޭފުޅުންވެސް ވަނީ ސިންގަޅައިގެން ބޮޑު ތާއީދެއް ހޯއްދަވާފައެވެ. މިފަހަރުގެ އިންތިޚާބުން އެކަން ވަނީ ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައެވެ.

ބޮޑުވަޒީރުގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ބޮޑުވަޒީރު ރާޖަޕަކްސާގެ ވަޒީރުންގެ މަޖިލިސް ހުވައިކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވާ ބުދަދުވަހުއެވެ. އަދި ރައީސު ގޮތާބޭ ރާޖަޕަކްސާ ވިދާޅުވެފައިވާ ގޮތުގައި ގާނޫނުހަދާ މަޖިލީހުގެ އައު ދައުރަށް އިފްތިތާހުކުރުން އޮންނާނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުއެވެ.

ގާނޫނުހަދާ މަޖިލީހުގެ ތިންބައިކުޅަދެބައި އަޣުލަބިއްޔަތާއެކު ރައީސު ގޮތާބޭ ރާޖަޕަކްސާ ގާނޫނު އަސާސީއަށް ގެންނަވަން ނިންމަވާފައިވާ އިސްލާހުތައް ގެންނެވުމުށް އޭނާއަށް މަގުފަހިވެގެން ދިޔައީއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އިސްލާހަކީ ގާނޫނު އަސާސީއަށް ގެނެސްފައިވާ 19 އިސްލާހު އުވާލުމެވެ. 19 އިސްލާހަކީ ރައީސުގެ ބާރުތައް ހަނިކޮށް، ބޮޑުވަޒީރުގެ ބާރުތައް އިތުރުކުރުމަށް 2015 ވަނަ އަހަރު ގެނައި އިސްލާހެކެވެ. މި އިސްލާހު އުވާލުމާއެކު ރައީސުގެ ބާރުތައް އަނެއްކާވެސް އިތުރުވެގެން ދާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.