"ލޮނުޒިޔާރަތް ބަގީޗާ" ހުޅުވުން ލަސްވަމުންދާތީ ޑރ. މުޢިއްޒުގެ ފާޑު ވިދާޅުވުން

މާލޭ ސިޓީކައުން ސިލުން ލޮނު ޒިޔާރަތްކޮޅުގައި ތަރައްޤީކުރި "ލޮނު ޒިޔާރަތް ބަގީޗާ" ހުޅުވުން ލަސްވަމުންދާތީ ކުރީގެ ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ފާޑު ވިދާޅުވެއްޖެއެވެ.

ސީޓީ ކައުންސިލުން މިދިޔަ ޖުލައި މަހު ފަހުކޮޅު ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި އެ ޕާކް ހުޅުވޭނެ ކަމަށެވެ. "ލޮނު ޒިޔާރަތް ބަގީޗާ" ތަރައްޤީ ކުރުމުގައި ކޮރަޕް ހިމެނޭކަމަށް ވަނީ ތުޙުމަތު ކުރެވިފައެވެ. ކުރީގެ ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޢިއްޒު، އެޕާކް ސިފަ ކުރައްވައިފައި ވަނީ ވެސް "ކޮރަޕްޝަން ޕާކް" ގެ ގޮތުގައެވެ. އޭނާ ވިދާޅުވީ އެޕާކް ހުޅުވަން އެންމެ ފަހުން ދެއްވި ތާރީޚް ވެސް ފަހަނަޅައި ގޮސްފައިވާ ކަމަށެވެ. މުއްދަތު ގުނަނީ އޮފީސް ބަންދު ދުވަސްތައް ކަޑައިފައިތޯ، އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ. ޢީދު ބަންދާ މިނިވަން ދުވަހާ ގުޅިގެން ގިނަ ދުވަސް ތަކެއް ވަނީ ބަންދު ވެފައެވެ. މިނިވަން ދުވަހާއި ޢީދު ދުވަހަށް ބަންދު ވިފަހުން ސަރުކާރު ހުޅުވުނީ މިއަދުއެވެ.

އާރޓިފިޝަލް ބީޗް ހުޅުވަންވެސް ތާރީޚްތަކެއް ދިންކަމަށާއި ނަމަވެސް މިހާރު އެވާހަކަ ނުވެސް ދައްކާކަމަށް ވިދާޅުވިއެވެ. ބަލާލި ކޮންމެ ދިމާއަކުން ވެސް މިނޫން މަންޒަރެއް ރައްޔިތުންނަށް ނުފެންނަ ކަމަށް ޑރ މުޢިއްޒު ވިދާޅުވިއެވެ. ކުރީ ސަރުކާރިގައި ޑޮކްޓަރ މުޢިއްޒު ބެއްލެވުމުގެ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ރަސްފަންނާއި ބައެއް ޕާރކްތަކާއި މައިޒާންތައް ތަރައްޤީކޮށް ވަނީ ހުޅުވައިފައެވެ.

ކުރީސަރުކާރުގައި ޑރ. މުޢިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު ސިޓީ ކައުންސިލާއި އެމިނިސްޓްރިއާ ދެމެދު ވަނީ ވަރަށް ބޮޑަށް ގުޅުން ގޯސް ވެފައެވެ. އޭރު ސިޓީ ކައުންސިލުން ވިދާޅުވީ ކައުސިލަށް އޮތް ބާރުތައް އެމިނިސްޓްރީން ނަގަމުންދާކަމަށެވެ. އަނެއް ކޮޅުން ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބު ގައި މާލެ ސިޓީގެ މޭޔަރުކަމަށް ޑރ މުޢިއްޒު ކުރިމަތިލެއްވުމާ ގުޅިގެން އެކަމަށް މިސަރުކާރުން ހުރަސް އަޅަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުޙުމަތުކޮށްފައެވެ. އަދި ދާދި ފަހުން ޑޮކްޓަރ މުޢިއްޒު ވަނީ ފުލުސް އޮފީހަށް ވެސް ހާޒިރު ކޮށްފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.