ސިއްހީ ނިޒާމު ހިންގުމަށް ކޮންމެހެން ބޭނުންވާ މުހިންމު މަޤާމުތަކެއް ހުސްކޮށް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ޞިއްޙީ ނިޒާމު ހިންގުމަށް ކޮންމެހެން ބޭނުންވާ މުހިންމު މަޤާމުތަކެއް ހުސްކޮށް ހުރުމުން އެކަމުގެ ނާދެވޭ އަސަރު ޚިދުމަތްތަކަށް ކުރަމުންދާކަން ފާހަގަ ކޮށް ޞިއްޙީ ދާއިރާގެ ތަހުރިބާ ކާރުންތަކެއް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޑޮކްޓަރުން ވެސް ހިމެނޭ ގޮތަށް ޞިއްޙީދާއިރާގެ ފަސް ތަޖުރިބާ ކާރަކު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ޑރ. އިސްްޙާޤް ޝަފީޤް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާގައި ކަންބޮޑުވާ ފަދަ ގިނަ މައްސަލަތައް އެބަހުރި ކަމަށެވެ. މި ސަރުކާރު އައުމުން އެ މައްސަލަތައް ހައްލުކޮށް ޞިއްޙީ ނިޒާމު ހަރުދަނާ ވެގެން ދާނެކަމަށް އުއްމީދު ކުރެއްވި ކަމަށް އިސްހާގް ވިދާޅުވިއެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ހާލަތު ދިޔައީ ގޯސް ވަމުންކަމަށެވެ.

ޞިއްހީ ތަޖުރިބާކާރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ހަފީޒާ ވިދާޅުވީ ޞިއްޙީ ދާއިރާގައި އިސްކޮށް މަސައްކަތް ކުރަންޖެހޭ މުހިންމު މަޤާމަތައް ހުރީ ހުސްކޮށް ކަމަށެވެ. އޭގެތެރެއިން އެންމެ މުހިންމު އެއް މަޤާމަކީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާރވިސް ކަމަށެވެ. އެ މަޤާމަކީ ދުނިޔޭގެ ހުރިހާ ޞިއްޙީ ނިޒާމެއްގައިވެސް އޮންނަ މަޤާމެއްކަމަށެވެ. އެ މަޤާމުގައި ހުންނަ މީހަކީ ވަރަށް ޓެކްނިކަލް މަސައްކަތްތަކެއް ކުރަންޖެހޭނެ މީހެއްކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން އެ މަޤާމު ހުސްކޮށް އޮތުމުގެ އިތުރުން އެމަސައްކަތްތައް ވެސް އުވިގޮސްފައިވާކަމަށެވެ. އެމަޤާމްގައި ހުނަންޖެހޭނީ ވެސް ސްޕެޝަލައިޒްޑް ޑޮކްޓަރެއްކަން އޭނާ ފާހަހަގަ ކުރެއްވިއެވެ. ނަމަވެސް ސިވިލް ސާރވިސްގެ މަޤާމަކަށްވެފައި މުސާރަ ކުޑަވުމަކީ ވެސް އެމަޤާމަށް މީހަކު ހޯދުމުގައި ދިމާވާނެ ދައްޗެއްކަން ފާހަގަ ކުރެއްވިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަޤް އޮތޯރިޓީ ހިންގެވުމަށް އެންމެ އިސްކޮށް ހުންނަވަން ޖެހެނީ ޑިރެކްޓަރ ޖެނެރަލެއް ކަމަށްވާއިރު އެމަޤާމު ވެސް ހުސްކޮށް އޮތްކަން ފާހަގަ ކުރެއްވިއެވެ. އަދި ނެޝެނަލް ބްލަޑް ސާރވިސަސް ހިންގަންވަންވެސް ޑިރެކްޓަރ ޖެނެރަލަކު ހުންނަވަން ޖެހޭއިރު އެމަޤާމުގައި ވެސް މީހަކު ނެތި ހުސްކޮށް އޮތްކަމަށް ވިދާޅުވިއެވެ. މިއީ ތެލެސީމިއާ ކުދިންނަށް ޚިދުމަތް ދިނުމުގެ ކަންކަމުގައި އިސްކޮށް ހުންނަވަން ޖެހޭ ވެރިޔާއެވެ.  

މީގެއިތުރުން އާއްމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގައި ބުނާ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސްގެ މަޤާމު ވެސް އޮތީ ހުސްކޮށެވެ. މިއީ މުޅި ޞިއްޙީ ނިޒާމުގެ ކޮލިޓީ ދަމަހައްޓައި ކަށަވަރު ކުރުމުގެ ޒިންމާ އުފުލަންޖެހޭ މަޤާމެކެވެ. މި މަޤާމުވެސް މިހާރު ވަނީ ސިވިލްސާރވިސްގެ ތެރެއަށް ލާފައިކަން ފާހަގަ ކުރައްވައި އެކަމުގެ ކަން ބޮޑުވުން ޞިއްޙީ ތަޖުރިބާކާރުން ފާޅުކުރެއްވިއެވެ. ނަމަވެސް އެމަޤާމް ވާންޖެހޭނީ މިނިވަން މަޤާމަކަށް ކަމަށާއި އެކަށީގެންވާ މުސާރައެއް ވެސް އެމަޤާމުގައި ހުންނަ މީހަކަށް ދޭންޖެހޭނެ ކަން ފާހަގަ ކުރެވިއެވެ. ސިވިލް ސާރވިސްގެ ތެރެއަށް އެމަޤާމު ދިއުމުން އެކަށީގެންވާ މުސާރައެއްވެސް އެމަޤާމަށް އަންނަ މީހަކަށް ނުދެވޭނެކަން ފާހަގަ ކުރެއްވިއެވެ. ސިވިލް ސާރވިސްގެ ތެރެއިން އެމަޤާމަށް ކަނޑައަޅައިފައިވަނީ 25 ހާސް ރުފިޔާއެވެ. އެފަދަ މަޤާމަކަށް އެއީ ކުޑަ މިންވަރެއްކަމަށް ޞިއްޙީ ތަޖުރިބާކާރުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ޤާނޫނުގެ ދަށުޖް އުފައްދަން ޖެހޭ މަޤާމެއްކަމަށް ހިމަޓޮލޮޖިސްޓްގެ މަޤާމް ވެސް އޮތީ ހުސް ކޮށެވެ. އެއީ ލޭއެޅުމާ ލެޔާ ގުޅުން ހުރި ކަންކަމުގެ ބޭސްފަރުވާ ކުރުމުގެ ޒިންމާ ނަގަން ހުންނަ މީހެއްކަން ފާހަގަ ކުރެއްވިއެވެ.  

"ރަނގަޅު ފެންވަރެއްގެ ޞިއްޙީ ޚިދުމަތެއް ފޯރުކޮށް ދެންޏާ މި މަޤާމްތައް އެބަޖެހޭ އަޞްލު ގޮތުގައި ޙަރަކާތްތެރިވާން" ހަފީޒާ ވިދާޅުވިއެވެ.

ހުސްކޮށް ހުރި މަޤާމުތަކުގެ އިތުރުން ހިންގުމުގައި ވެސް ގޯސްކޮށް ހުރި އެތައްކަމެއް ޞިއްޙީ ތަޖުރިބާކާރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމެޓީގެ ސަމާލުކަމަށް ގެންނަވައިފައެވެ. ޞިއްޙި ދާއިރާގެ މި ތަޖްރިބާކާރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާ ވެސް ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް ޙިއްޞާ ކުރައްވައިފައެވެ. 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.