ރާއްޖޭގެ ރައްޔިތުން އަމިއްލަ އަތުން ބޭސްފަރުވާއަށް މީގެކުރިން ކުރަމުން އައި ހޭދަކުރުން 29 ޕަސެންޓް މިހާރު ދަށްކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ސައުތު އީސްޓް އޭޝިޔާގެ މިސަރަހައްދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ދައުލަތުން ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށްދޭ ނިޒާމް ކަމުގައިވާ އާސަންދައިގެ ސަބަބުން ރައްޔިތުންގެ ޖީބުން ކުރިން ޚަރަދު ކުރަމުން އައި މިންވަރު 29 ޕަސެންޓް ދަށްކުރެވިފައިވާއިރު ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ބޭސްފަރުވާގެ ނިޒާމްގެ ތެރެއިން އަހަރަކު ބޮލަކަށް 810 ޑޮލަރު ޚަރަދު ކުރަމުން އަންނަ ކަމަށެވެ. މި އަދަދަކީ މެދުފަންތީގެ ގައުމުތަކާއި އަޅާބަލާއިރު ދެގުނަ ބޮޑު އަދަދެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ ސިއްޙީ ދާއިރާގެ ބަޖެޓުން މައިގަނޑު ގޮތެއްގައި ބޮޑު ދެޚަރަދެއް ކުރަންޖެހޭ ކަމަށާއި އެއީ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ މަރާމާތަށްކުރާ ޚަރަދާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް ކުރަންޖެހިފައި އޮތް ޚަރަދު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާ ފުރިހަމަވެގެން ދާނީ ޚިދުމަތްދޭ ތަންތަންވެސް މަރާމާތުކޮށް އަދި އިމާރާތްތައްވެސް ފުރިހަމަ ވެގެން ކަމަށެވެ. މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހޮސްޕިޓަލު ތަކާއި ސިއްޙީ މަރުކަޒުތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި އަދި ކުރިޔަށް އޮތް ތަނުގައި އެފަދަ ތަންތަނަށް އާ މެޝިންތަކާއި އެނޫންވެސް ތަކެތި ގެންނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިޔަށްދާ މި ސަރަހައްދުގެ ގައުމުތަކުގެ ސިއްޙަތާބެހޭ މި ބައްދަލުވުމުގައި މިއިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވަނީ މި ސަރަހައްދުގެ ގައުމުތަކަށް ކުރިމަތި ވެފައިވާ ސިއްޙީ މައްސަލަތަކާއި ގުޅޭގޮތުންނާއި ތިމާވެއްޓަށް އަންނަ ބަދަލު ތަކުގެ ސަބަބުން ސިއްޙަތަށް ކުރާ އަސަރުތަކާއި ގުޅޭގޮތުންނެވެ.