ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އިއްޔެ ފެށި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާގެ ސައުތު އީސްޓް އޭޝިޔާގެ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވާން ހަމަޖެހިފައި އޮތް ބޮލީވުޑްގެ ސުޕަރސްޓާރ އަމީތާބް ބަޗަންގެ ދަތުރު އެންމެ ފަހު ވަގުތު ކެންސަލް ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީތާބު ރާއްޖެ އަންނަން އޮތީ މިއަދު މެންދުރު ފަހުގެ ފްލައިޓަކުންނެވެ. ކުއްލި ގޮތަކަށް ފަހު ވަގުތު އަމީތާބު ދަތުރު ކެންސަލްކުރި ސީދާ ސަބަބެއް ސާފެއް ނުވެއެވެ. ނަމަވެސް ދަތުރު ކެންސަލް ކުރީ އަމީތާބުގެ ސިއްޙީ ޙާލަތު ހުރިގޮތުން ކަމަށްވެސް ބަޔެއް މީޑިޔާ ރިޕޯޓުތައް ބުނެފައިވެއެވެ.
ރާއްޖޭގައި ކުރިޔަށްދާ ސިއްހަތާބެހޭ ބައްދަލުވުމުގައި އަމީތާބު ބައިވެރިވާން ހަމަޖެހިފައި އޮތީ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން މި ސަރަހައްދަށް ކަނޑައަޅާފައިވާ ހެޕަޓައިޓިސްގެ ގުޑްވިލް އެމްބެސެޑަރުގެ ޙައިސިއްޔަތުންނެވެ. ބައްދަލުވުމުގައި އަމީތާބު ބައިވެރިވާން އޮތީވެސް އެ ބައްޔާގުޅޭ އައިޓަމެއްގައެވެ.