އަފްޣާނިސްތާނުގެ އިރުމަތީގައި ހުންނަ ސަލާމަތީ ގޮތުން ވަރުގަދަ ޖަލަކަށް އިސްލާމިކް ސްޓޭޓް (އައިސިސް) ގެ ހަނގުރާމަވެރިން ވަދެގަތްތާ އެތައް ގަޑިއިރެއް ފަހުން އެ ޖަލު ސަރުކާރު ސިފައިންގެ ބާރުގެ ދަަށަށް ގެނެސްފިއެވެ. އައިސިސްގެ ހަނގުރާމަވެރިން އަތުން ޖަލުގެ ކޮންޓުރޯލު އަނބުރާ ހޯދަން ކުރި ހަނގުރާމައިގައި 29 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 8 ހަނގުރާމަވެރިންވެސް ހިމެނެއެވެ.
އިރުމަތީ ރަށެއް ކަމުގައިވާ ޖަލާލުއާބާދުގައި ހުންނަ ޖަލަށް ހަމަލާދޭން ފަށާފައި ވަނީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ނަންްގަހާރު ޕްރޮވިންސުގެ ގަވަރުނަރުގެ ތަރުޖަމާނު ޢަޠާއުﷲ ޚުގްޔާނީ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ޖަލުގައި ތިބި ކުށްވެރިންނާއި، އާއްމުންނާއި، ޖަލުގެ ގާޑުންނާއި، އަފްޣާން ސަލާމަތީ ބާރުތަކުގެ މީހުން ހިމެނެއެވެ. އަދި މަރުވި މީހުންގެ އިތުރަށް 50 މީހަކުވެސް ވަނީ ޒަަޚަމްވެފައެވެ.
ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ފަވާދް އަަމަން މައުލޫމާތު ދިންގޮތުގައި މިއަދުގެ ހަވީރުގެ ވަގުތެއްގައި އަފްޣާން ސަލާމަތީ ބާރުތަކުން ވަނީ ޖަލުގެ ކޮންޓުރޯލު ހޯދާފައެވެ.
ނަންގަަހާރު ޕްރޮވިންސުގެ ވެރިރަށް ޖަލާލު އާބާދަކީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އިރުން 115 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. އަފްޣާން ސިފައިން ހިންގި އޮޕަރޭޝަނުގައި ޖަލުން ހަނގުރާމަވެރިން ބޭރުކޮށްލި ނަމަވެސް، ޖަލުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ހަނގުރާމަވެރިން ދަނީ އަފްޣާން ސިފައިންނާ ހަނގުރާމަކުރަމުންނެވެ. ރަށުގެ އެތަން މިތަނުން ބަޑިޖަހާ އަަޑު ދަނީ އިވެމުންނެވެ.
ޢަޠާއުﷲ ޚުގްޔާނީ ވިދާޅުވި ގޮތުގައި ޖަލުގައި ތިބި ޖުމްލަ 1793 ގައިދީންގެ ތެރެއިން 1025 މީހަކު ފިލަން އުޅެނިކޮށް ވަނީ އަތުލައިގަނެވިފައެވެ. 430 މީހަކު ޖަލުން ނުނިކުމެ ތިއްބެވެ. ބާކީ ތިބި މީހުން ވަނީ ފިލާފައެވެ.
ރަށު ތެެރޭގައި ހިނގާ ހަނގުރާމައިގެ ސަބަބުން ޖަލާލުއާބާދުގެ ގިނަ ބަޔަކު ވަނީ ރަށުން ފައިބައިގެން ގޮސްފައެވެ.
ޖަލާލުއާބާދުގެ ޖަލަށް ހަމަލާދީފައި މިވަނީ އެރަށާ ކައިރި ހިސާބެއްގައި އައިސިސްގެ ހަނގުރާވެރިއަކު މަރާލާފައިވާ ކަން އަފްޣާނިސްތާނުގެ ސިއްރު ފުލުުހުން އިދަރާއިން ހާމަކުރިތާ އެއްދުވަސް ފަހުންނެވެ. އަދި މިހަމަލާދިން ދުވަސްވަރަކީ އަޟްޙާ އީދާ ދިމާކޮށް އަފްޣާނިސްތާން ސަރުކާރާއި ޠާލިބާން ޖަމާއަތުން ހަނގުރާމަ ހުއްޓާލާފައި ވަނިކޮށެެވެ.