އިންޑިއާގެ ބާރުގަދަ ހޯމް މިނިސްޓަރ އަމިތު ޝާހު ކޮރޯނާ ވައިރަހަށް ފައްސިވެއްޖެ

އަމިތު ޝާހު ހާލު ރަނގަޅުކަމަށް ވިދާޅުވިޔަސް ކޮރޯނާ ވައިރަހަށް ވަނީ ފައްސިވެފައި

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ މިނިސްޓަރެއްކަމުގައިވާ ކަމަލް ރަނި ވަރުމާ 62އ ކޮރޯނާ ވައިރަސްގެ ޝިކާރައަކަށް ވެގެން މިއަދު ހެނދު ލަކަނޫގައި އަވަހާރަވީ ވާހަކައިން މުޅި އިންޑިއާ ގުގުމާލާފައިވަނިކޮށް ކުއްލިއަކަށް އަޑު އިވުނީ އިންޑިއާގެ ބާރުގަދަ ހޯމް މިނިސްޓަރ އަމިތު ޝާހު ކޮރޯނާ ވައިރަހަށް ފައްސިވި ވާހަކައެވެ.

އިންޑިއާގެ 17 ލައްކައަށްވުރެ ގިނަ މީހުން ކޮރޯނާ ވައިރަހަށް ފައްސިވެފައި ވަނިކޮށް އަމިތު ޝާހު 55އ ކޮރޯނާ ވައިރަހަށް ފައްސިވުމަކީ ބައެއް މީހުންނަށް މާ ބޮޑު ޚަބަރަކަށް ނުވެ ހިނގައިދާނެއެވެ. ނަމަވެސް ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ އެންމެ އަރިސް އަދި އެންމެ އިތުބާރުކުރައްވާ އަމިތު ޝާހަށް ކޮރޯނާ ވައިރަސް ޖެހިގެން އެނދުމަތި ކުރެއްވުމަކީ އިންޑިއާގެ ސިޔާސީ ދާއިރާއަށް ސިހުން އައި ކަމެކެވެ.

ބީޖޭޕީގެ ރައީސްކަން ވެސް ކުރީން ކުރައްވާފައިވާ އަމިތު ޝާހު އެނދުމަތި ކުރައްވާފައި ވަނީ ހަރިޔާނާ ސްޓޭޓުގެ ގުރޫގުރާމްގެ މެޑަންޓާ ހޮސްޕިޓަލުގައެވެ.

އަމިތު ޝާހު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅެވެ.

"ހޮސްޕިޓަލްގައި އެނދުމަތިވީ ޑޮކްޓަރުން ލަފާދެއްވުމުން." އޭނާ ވިދާޅުވިއެވެ.

ކުޑަދުވަސްކޮޅެއް ކުރިން އަމިތު ޝާހު ކެބިނެޓު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތެވެ.

އޭނާއާ ބައްދަލުވެވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް އެކަހެރިވެ ތިއްބެވުމަށް އަމިތު ޝާހު ވަނީ އެދިވަޑައިގެންފައެވެ.

އަމިތު ޝާހާ ބައްދަލުވެވަޑައިގެންނެވި ބޭބޭފުޅުން ގެންދަވަނީ އާއިލާގެ ބޭފުޅުންނާއި ވެސް ގައިދުރުވެ ޓެސްޓު ހެއްދެވުމަށް ތައްޔާރުވެވަޑައިގަންނަވަމުންނެވެ.

އިންޑިއާގައި ކޮރޯނާ ވައިރަސް ފެތުރެމުން ދަނީ ބަޔަކު ބިރުން ފިތްކަނޑައިގެން ދާހާ ބާރު މިނުގައެވެ. އެންމެ ދެދުވަހުގެތެރޭގައި ލައްކައަކަށްވުރެ ގިނަ މީހުންނަށް ވައިރަހުގެ އަސަރުކޮށްފައިވެއެވެ.

މިރޭގެ ޚަބަރުތަކަށް ބަލާއިރު އިންޑިއާގެ 1803415 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް ވަނީ ކޮރޯނާ ވައިރަސް ޖެހިފައެވެ. އަދި އެ ބަލީގައި 3800 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.