އޮކްޓޯބަރު މަހު ކޮވިޑް- 19 ގެ ވެކްސިން އާއްމުކޮށް ޖަހަން ފެށުމަށް ރަޝިޔާއިން ތައްޔާރުވަަނީ

އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ރަޝިޔާއި ކޮވިޑް- 19 ގެ ވެކްސިން އާއްމުކޮށް ޖަހަން ފެށުމަށް ހެލްތު މިނިސްޓްރީން ތައްޔާރުވަމުން ދާކަމުގައި ރަޝިޔާއިން ބުނެފިއެވެ. އެއީ، އެގައުމުގައި އުފައްދާފައިވާ ކަމަށް ބުނާ ވެކްސިން ތަޖުރިބާކުރުމުގެ ހުރިހާ މަރުހަލާއެެއް ނިމިފައި ވާތީއެވެ.

އިންޓަފެކްސް ނިއުސް އެޖެންސީން އާއްމުކުރި ޚަަބަރެއްގައި ހެލްތު މިނިސްޓަރު މީޚާއިލް މުރަޝްކޯ ވިދާޅުވި ގޮތުގައި މޮސްކޯގައި ހުންނަ ސަރުކާރުގެ އިދާރާއެއް ކަމުގައިވާ ޖަމާލެޔާ އިންސްޓިޓިއުޓުން ކޮވިޑް- 19 ގެ ވެކްސިން ތަޖުރިބާކުރުމުގެ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށް ފަހު މިހާރު ކުރިއަށް ދަނީ އެ ވެކްސިން ރަޖިސްޓަރީކުރުމުގެ އިދާރީ މަސައްކަތެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ވެކްސިން ދޭނީ ޑޮކްޓަރުންނާއި ޓީޗަރުންނަށެވެ.

ޚަބަރު ފަތުރާ ބޭރުގެ އެޖެންސީއަކަށް މައުލޫމާތު ދެމުން ވެކްސިންގެ މައުލޫމާތު އެނގޭ މަސްދަަރަކުން ބުނެފައިވާ ގޮތުގައި ރަޝިޔާގައި އުފައްދާފައިވާ ކޮވިޑް- 19 ގެ ވެކްސިނަށް އޮގަސްޓް މަހުގެ ތެރޭގައި ކަމާބެހޭ އިދާރާތަކުގެ ހުއްދަ ލިބޭނެއެވެ. އަދި އޭގެ ފަހުން މާ ގިނަ ދުވަހެއް ނުވެ ސިއްހީ މަސައްކަތްތެރިންނަށް އެ ވެކްސިން ދެވޭނެއެވެ.

ރަޝިޔާއިން ކޮވިޑް- 19 ގެ ވެކްސިނެއް ތައްޔާރުކޮށް ނެރެން މަސައްކަތްކުރާލެއް އަވަސްކަމުން، ސައިންސާއި ސަލާމަތަށް ވުރެ ކުރިއަށް ރަޝިޔާގެ ޝަރަފު ކުރިއަށް ނެރެނީތޯ ހުޅަނގުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

ރަޝިޔާގެ ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުގެ ވެރިޔާ ކިރިލް ޑްމިޓްރިއޭވް ވަނީ ކޮވިޑް- 19 ވެކްސިން ތައްޔާރުކޮށް ނެރުމުގައި ރަޝިޔާ ހޯދަމުދާ ކުރިއެރުމަކީ 1957 ވަނަ އަހަރު ދުނިޔޭގެ ފުރަތަމަ ސެޓެލައިޓް ސްޕަޓްނިކް-1 ރަޝިޔާއިން ޖައްވަށް ފޮނުވާލުމާ އެއްފަދަ ކަމެއް ކަމުގައި ސިފަކުރައްވާފައެވެ.

ކޮވިޑް- 19 އާ ދެކޮޅަށް ބޭނުންކުރުމަށް ގާތްގަނޑަކަށް 100 ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ ކަންކޮޅުތަކުގައި ކުރަމުން އެބަދެއެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑާޓާއިން ދައްކާގޮތުގައި މަދުވެެެގެން 4 ވެކްސިނެއް މިހާރު ވަނީ އިންސާނުންނަށް ތަޖުރިބާކުރުމުގެ 3 ވަނަ މަރުހަލާގައެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާއިން އުފައްދާ 3 ވެކްސިނާއި އިނގިރޭސިވިލާތުން އުފައްދާ 1 ވެކްސިނެވެ.

މިއަދު ރަޝިޔާއިން ހާމަކުރި ތަފާސް ހިސާބަަށް ބަލާއިރު، މިއަދު އެ ގައުމުގައި ކޮވިޑް- 19 ޖެހިގެން 95 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު އެ ގައުމުގައި މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 5462 އަށް އަރާފައެވެ. އަދި މިއަދާ ހަމައަށް ރަޝިޔާގައި 8 ލައްކަ 45 ހާހަށްވުރެ ގިނަ މީހުން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.