މިއަދު ޢަމަލުކުރަންފެށި އިސްލާޙުން ޞިއްޙަތަށް ގެއްލުންދޭ ބާވަތްތަކުގެ އަގު ބޮޑުވެ، އަސާސީ ތަކެތީގެ އަގު ހެޔޮވޭ

އިމްޕޯރޓް އެކްސްޕޯރޓް ޤާނޫނަށް ގެނައި 17 ވަނަ އިޞްލާޙަށް މިއަދު ވަނީ ޢަމަލުކުރަން ފަށައިފައެވެ. މިއަދު ޢަމަލުކުރަންފެށި އިސްލާޙުން ޞިއްޙަތަށް ގެއްލުންދޭ ބާވަތަކުގެ އަގު ބޮޑުވެ އަސާސީ ތަކެތީގެ އަގު ހެޔޮކޮށްދޭނެއެވެ.

މިއަދު ޢަމަލު ކުރަން ފެށި އިޞްލާޙާއެކު ރާއްޖެއަށް އެތެރެކުރާ މުދަލުން ޑިޔުޓީ ނަގަމުން އައި ގޮތް ވަނީ ބަދަލުވެގެން ގޮސްފައެވެ.  މިހާތަނަށް ރާއްޖެއަށް އެތެރެކުރަމުން އައި މުދަލަށް ޑިއުޓީ ނަގަމުން އައީ ސީއައިއެފް އަގުންނެވެ. ނަމަވެސް މިއަދު ޢަމަލުކުރަން ފެށި އިސްލާހާއެކު ރާއްޖެއަށް އެތެރެކުރާ މުދަލުން ޑިޔުޓީ ނަގާނީ އެފްއޯބީ އަގުންނެވެ. މީގެ ކުރިން ޑިޔުޓީ ނަގަމުންދިޔަ ސީއައިއެފް އަގުގެ ތެރޭގައި މުދާ ގެނައުމަށް ހިނގާ ހުރިހާ ޚަރަދެއްގެ ޑިއުޓީ ހިމެނެއެވެ. އޭގެތެރޭގައި މުދަލުގެ އަގުގެ އިތުރުން ފްރައިޓް ޗާރޖް ނުވަތަ ނާލާއި އިންޝުއަރެންސް ވެސް ހިމެނެއެވެ. އެފްއޯބީ އިން ޑިޔުޓީ ނަގަން ފެށުމުން އޭގައި ހިމެނޭނީ ރާއްޖެއަށް އެތެރެކުރާ މުދަލަށް ހޭދަކުރާވަރު އެކަނި ކަމަށް ކަސްޓްމްއިން ފާހަގަ ކުރެއްވިއެވެ. ޑިއުޓީއަށް އައި މިބަދަލުގެ ސަބަބުން ތަކެތީގެ އަގު ހެޔޮވުމުގެ އިތުރުން ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމު ވެގެންދާނެ ކަމަށް ކަސްޓަމްސްގެ އިތުރުން ވިޔަފާރި ވެރިންވެސް ފާހަގަ ކުރައްވައެވެ. އެގޮތުން ތެލުގެ އަގަށް އަންނަ ބަދަލާއެކު ފްރައިޓް ނުވަތަ ނާލުގެ އަގަށް އަންނަ ބަދަލުގެ ސަބަބުން ޑިއުޓީ ބޮޑުވުން ފަދަ މައްސަލަތައް ދެން ކުރިމައްޗެއް ނުވާނެއެވެ.

ޤާނޫނަށް ގެނެވުނު ބަދަލާ އެކު އަހަރަކު ގާތްގަނޑަކަށް 178 މިލިއަން ރުފިޔާގެ ޑިޔުޓީގެ މާޢާފުވުމެއް ވިޔަފާރިވެރިންނަށްލިބޭނެ ކަމަށް ކަސްޓްމްސް އިން ވިދާޅުވެއެވެ. މިކަމުގެ ސަބަބުން އާއްމު ރައްޔިތުންނަށް މުދާ ގަންނަން ލިބޭ އަގުވެސް ހެޔޮވެގެން ދާނެކަމަށް ކަސްޓަމްސް އިން ދެކެއެވެ. މިބަދަލުގެ ސަބަބުން ދިރިރުޅުމަށް ބޭނުންވާ ބާވަތްތަކާއި ބައެއް ސިނާޢަތްތަކަށް ބޭނުންވާ ތަކެތީގެ ތެރެއިން ބައެއް ތަކެތީގެ ޑިއުޓީ މަޢާފުވެ އަދި ބައެއްތަކެތީގެ ޑިއުޓީ ބޮޑުތަނުން ހެޔޮވެގެންދާނެއެވެ.

މިއަދު ޢަމަލުކުރަން ފެށި އިޞްލާޙާއެކު ރާއްޖެއަށް އެތެރެކުރެވޭ ތަކެތީ ތެރެއިން ގާތްގަޑަކަށް 16 ސަތޭކައެއްހާ އައިޓަމުގެ ޑިއުޓީ  ބަދަލުތަކެއް އަންނާނެކަމަށް ކަސްޓަމްސްއިން ލަފާކުރައްވައެވެ. މީގެ ތެރެއިން 75 އިންސައްތައަކީ ޑިޔުޓީ ދަށްވެ ނުވަތަ މަޢާފަވެގެންދާނެ އައިޓަމްތައް ކަމަށް ވެސް ކަސްޓަމްސް އިން ފާހަގަ ކުރައްވައެވެ.

ޑިއުޓީ ދަށް ކުރެވޭ ނުވަތަ މައާފު ކުރެވޭ އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ ތެރޭގައި ލިޔެކިޔުމަށް ބޭނުންވާ ތަކެތި ނުވަތަ ސްޓޭޝަނަރީގެ ބާވަތްތަކާއި ތިމާވެއްޓާ ރައްޓެހި ލެޑް ބޮތްކާއި ޖިއޯ ބޭގާއި އިންވަރޓަރ އޭސީ އާއި ފެން ފިލްޓަރު ފަދަ ތަކެތި ހިމެނެއެވެ. މިބަދަލު ޑިއުޓީއަށް އަންނަ ސިނާއަތް ތަކުގެ ތެރޭގައި ފަހުމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޢިމާރާތްކުރުން ހިމެނެއެވެ.

ސިނާޢަތް ތަކުގެ ތެރެއިން ހަމައެކަނި މަސްވެރިކަމުގެ ދާއިރާއިން 91 އިންސައްތައިގެ މައާފުވުމެއް ޑިއުޓީއަން އަންނާނެކަމަށް ކަސްޓަމްސް އިން ވަނީ ފާހަގަ ކުރައްވައިފައެވެ. މަސްވެރިކަމުގެ ބާވަތްތަކުގެ ތެރެއިން އިންޖީނާއި ދޮށީގެ ޑިއުޓީވެސް ވަނީ މަޢާފް ކޮށްދީފައެވެ. އެހެން އައިޓަމްތަކުގެ ޑިއުޓީއަށް ވެސް ވަނީ މިނޫން ހެޔޮ ބަދަލު ގެނެސްފައެވެ. އޭގެ ތެރޭގައި އޮޑިދޯނި ފަހަރު ބަނުމަށް ބޭނުންކުރާ ބާވަތްތައް ވެސް ހިމެނެއެވެ. އަދި ފެހުމުގެ މަސައްކަތަށް ބޭނުންވާ އާލާތްތަކާއި ފަހާ ފޮށިންވެސް ޑިއުޓީ ކުޑަވެގެންދާނެއެވެ.

މިއަދު ޢަމަލުކުރަން ފެށި އިމްޕޯރޓް އެކްސްޕޯރޓް ޤާނޫނުގެ 17 ވަނަ އިޞްލާހާއެކު އާއްމު ޞިއްޙަތަށް ގެއްލުންދޭ ބާވަތްތަކުގެ ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ. އޭގެތެރޭގައި އެންމެ ބޮޑު އިތުރުވުމެއް އަންނާނީ ސިނގިރެޓް ނުވަތަ ދުންފަތަށް ނަގާ ޑިއުޓީންނެއެވެ. އަގުގެ 25 ޕަސަންޓްގެ އިތުރުން ކޮންމެ ސިގިރެޓަކަށް ތިން ރުފިޔާގެ އަގުން ޑިއުޓީ ނަގުމަށް ވަނީ ހަމަޖައްސަވައިފައެވެ. ޤާނޫނަށް ގެނައި ބަދަލާ ގުޅިގެން ކުރިން 200 އިންސައްތައިގައި ޑިއުޓީނަގަމުންއައި ބިޑިންވެސް ޑިއުޓީ ނަގަމުންދާނީ ސިނގިރޭޓާއި އެއް އުޞޫލަކުންނެވެ. އަގުގެ 25 އިންސައްތައިގެ އިތުރުން ކޮންމެ ބިޑިއަކަށް ތިން ރުފިޔާގެ ރޭޓުންނެވެ. ޤާނޫނަށް ގެނައި އިޞްލާޙުގައި ވަނީ ދުންފަތުގެ ހުރިހާ ބާވަތެއް ހިމެނޭގޮތަށެވެ. ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީއަށް ގެނެވެވުނު ބަދަލާ ގުޅިގެން 500 މިލިއަން ރުފިޔާގެ އިތުރުވުމެއް ޑިއުޓީގެ އާމްދަނީއަށް އަންނާކެމަށް ލަފާ ކުރެއްވޭކަމަށް ކަސްޓަމްސް އިން ފާހަގަ ކުރެއްވިއެވެ.

ސިނގިރެޓްގެ އިތުރުންވެސް ޞިއްޙަތަށް ގެއްލުން ލިބޭ އެހެން ބާވަތްތަކުގެ ޑިއުޓީއަށްވެސް ވަނީ ބަދަލު ގެނެސް ފައެވެ. އެގޮތުން އެނާރޖީ ޑްރިންކްގެ ޑިއުޓީ ވަނީ ދެގުނައަށް ބޮޑު ކޮށްފައެވެ. އެނާރޖީ ޑްރިންކުން ލީޓަރަކަށް ކުރިން ނަގަމުން އައީ 33.60 ރުފިޔާއެވެ. ނަމަވެސް އިޞްލާހާ ގުޅިގެން ޑިއުޓީގެ އަގު ވަނީ ލީޓަރަކުން 60.55 ރ އަށް އިތުރުކޮށްފައެވެ. 

މީގެ އިތުރުންވެސް އާއްމު ޞިއްޙަތަށް ގެއްލުންދޭ ބައެއް އެހެން ބާވަތްތަކުގެ ޑިއުޓީވެސް ވަނީ ބޮޑުކޮށްފައެވެ. އެފަދަ ބާވަތްތަކުގެ ތެރޭގައި ގިނައިން ހަކުރު އެކުލެވޭ ލުއި ބުއިންތަކާއި ކުޑަކުދިންގެ އިންޓަވަލަށް ބޭނުންކުރާ ހަކުރު ގިނައިން ހިމެނޭ ޕެކެޓާއި މެޓަލާއި ޗުއިންގަމް ފަދަ ތަކެތި ހިމެނެއެވެ. އެފަދަ ބާވަތަތްތަކުގެ ޑިއުޓީ ވަނީ  15 އިންސައްތައަށް އިތުރު ކޮށްފައެވެ. މީގެއިތުރުން ކުރިން ޑިއުޓީ މާފްކޮށްފައި ނުވަތަ ސުން ޕަސަންޓްގެ ޑިއުޓީއޮތް ސޮސޭޖުފަދަ ޕްރޮސެސްޑް މީޓުންވެސް 15 އިންސައްތައިގެ ޑިއުޓީއެއް ނެގުމަށް ވަނީ ހަމަޖައްސަވައިފައެވެ. އަދި ސޮފްޓް ޑްރިންކު ލީޓަރަކުން އަށް ރުފިޔާގެ ޑިޔުޓީ އެއް ނަގާނެ އެވެ.

ޤާނޫނަށް ގެނައި ބަދަލާއެކު، އަތޮޅު ތަކުގެ ވިޔަފާރި ބަނދަރުތަކަށް އެތެރެކޮށް އެސަރަހައްދެއްގައި ގުދަން ކުރާ މުދަލުގެ ޑިއުޓީއަށް 50 އިންސައްތައިގެ މައާފުވުމެއް ލިބޭނެ އެވެ. ނަމަވެސް ސިނގިރޭޓާއި ރަލުގެ ބާވަތްތަކާއި އަދި އޫރުމަހުގެ ޑިއުޓީ ވަނީ އިސްތިސްނާ ކޮށްފައެއެވެ.

އިމްޕޯރޓް އެކްސްޕޯރޓް ޤާނޫނަށް ގެނައި އިޞްލާޙް މިއަދު ތަންފީޒު ކުރަން ފަށާފައިވާއިރު އެބިލް މަޖިލީހުން ފާސްކުރީ މިދިޔަ ޖުލައި މަހުގެ 15 ގައެވެ. ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤް ކުރެއްވީ ޖުލައި 23 ގައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.