ބިމުއަޑިން ފޮނުވާލާ ބެލިސްޓިކް މިސައިލެއް އީރާނުގެ ރިވޮލިއުޝނަރީ ގާޑުން ފުރަތަމަ ފަހަރަށް އުދުއްސާލައިފިއެވެ.
ރިވޮލިއުޝަނަރީ ގާޑްސްގެ އެއަރޯސްޕޭސް ޑިވިޝަންގެ ވެރިޔާ އަމީރްއަލީ ހާޖީޒާދާ ވިދާޅުވިގޮތުގައި މި މިސައިލް އުދުއްސާލާފައި ވަނީ ޕާޝިޔަން ގަލްފް (އެރޭބިއަން ގަލްފް) ގެ އައްސޭރީގައި އީރާނުން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތަކުގެ ފަހު ދުވަހުއެވެ. އަދި އީރާނު ގައުމީ ޓީވީއާއި ގުޅިފައިވާ ވައިޖޭސީ ނިއުސް އެޖެންސީން ހާމަކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ބޮޑު ހިރަފުސް ވިލާގަނޑެއްގެ ތެރެއިން ދެ މިސައިލެއް އަރައިގެންދާތަން ފެނެއެވެ.
އަންގާރަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާއާއި އީރާނާ ދެމެދު ނުތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ވަގުތެއްގައެވެ.
ރިވޮލިއުޝަނަރީ ގާޑްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ފޮރުވިފައިވާ ގޮތެއްގައި ބިމު އަޑިން މިސައިލެއް އުދުއްސާލުމަކީ ބޮޑު ކާމިޔާބީއެކެވެ. އަދި އެކަން ވެގެން ދާނީ ދުޝްމަނުންގެ ޖާސޫސީ އިދާރާތަކަށް ކުރިމަތިވާ ބޮޑު ގޮންޖެހުމަކަށެވެ.
އީރާނުން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކާ ގުޅިގެން ޤަޠަރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ. އަދި އެމެރިކާއިން ސިފަކުރި ގޮތުގައި މިސައިލް އުދުއްސާލުމަކީ އީރާނުން ހިންގި ވަރަށް ޒިއްމާދާރުކަން ކުޑަ އަމަލެކެވެ.
އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިޔައީ ގަލްފުގެ އަނގަމަތި ކަމުގައިވާ ސްޓްރެއިޓް އޮރް ހުރްމުޒް ކައިރީގައެެވެ. އެއީ ދުނިޔޭގައި އުފައްދާ ތެލުގެ %20 ބޭރުވާ ކަނޑުއޮޅިއެވެ.