1 މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހަދް (1އެމްޑީބީ) ކޮރަޕްޝަނުގެ މައްސަލައިގައި ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ މައްޗަށް ކުރި ހަތް ދައުވާެ އޭނާގެ މައްޗަށް ސާބިތުވެ އޭނާ 12 އަހަރަށް ޖަލަށްލުމަށާއި، 210 މިލިއަން ރިންގިޓުން (761.14 މިލިއަން ދިވެހި ރުފިޔާއިން) ޖުރްމާނާކުރުމަށް ހުކުމް ކޮށްފިއެވެ.
ހުކުމް އިއްވެވުމުގެ ކުރިން ހައިކޯޓުގެ ނިންމުން އިއްވަވަމުން ފަނޑިޔާރު މުޙައްމަދު މަޒްލާން މުޙައްދު ޣަޒާލީ ވިދާޅުވިގޮތުގައި ނަޖީބުގެ މައްޗަށް ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ އެއް ދައުވާއާއި، މަގާމުގެ އިތުބާރު ގެއްލޭފަދަ ޖިނާއީ އަމަލެއް ހިންގުމުގެ ތިން ދައުވާއާއި، އެސްއާރްސީ އިންޓަނޭޝަނަލްއަށް ގަވާއިދާ ޚިލާފަށް 13.6 މިލިއަން އެމެރިކާ ޑޮލަރު ދިން މައްސަލައިގައި މަނީ ލޯންޑަރިންގގެ ތިން ދައުވާއެވެ.
"މި ހަތް ދައުވާ ވެސް ދައުވާ ލިބޭ ފަރާތުގެ މައްޗަށް ސާބިތުވާކަމަށް ފެންނާތީ އޭނާ ކުށްވިރިވާކަަމަށް ނިންމަން." ހުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވިއެވެ.
ނިންމުން އިއްވަވަމުން ފަނޑިޔާރު އިތުރަށް ވިދާޅުވި ގޮތުގަައި ދިފާއީ ވަކީލުންނަށް ވަނީ ނަޖީބުގެ މައްޗަށް ކޮށްފައިވާ ދައުވާތައެް ބާޠީލުކުރެވޭ ވަރުގެ ހެކި ނުދެއްކިފައެވެ. އަދީ އޭނާ ވިދާޅުވީ ބޮޑުވަޒީރުކަމުގެ އިތުރަށް ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި ވެސް ހުންނަވައިގެން ނަޖީބު ވަނީ އޭނާ ހަރަކާތްތެރިވެ ވަޑައިިގަންނަވަންޖެހޭ ހައްދަށްވުރެ ބޭރުން ހަރަކާތްތެރިވެވަޑައިގެންފައެވެ.
ހޯމަ ދުވަހުގެރޭ އޭނާގެ ފޭސްބުކް ސަފުހާގައި ލިއުއްވަމުން ނަޖީބު ރައްޒާޤު ވިދާޅުވެފައިވާ ގޮތުގައި މިއަދަކީ އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދެއްވަން ލިބިވަޑަައިގަންނަވާ ފުރަސަތެއް ކަމުގައެވެ.
ކޯޓުގެ މިއަދުގެ ނިންމުމާއެކު، ކޯޓުގައި ހިނގާ ކޮރަޕްޝަަނުގެ މައްސަލަތަކަށް ނުފޫޒު ނުފޯރުއްވާނެކަމުގައި ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވިދާުޅުވެފައިވާ ވިދާޅުވުމަށް އިތުރު ބާރެއް ލިބިގެން ގޮސްފައެވެ. ނަޖީބަކީ މުޙްޔިއްދީންގެ ގާތް އެކުވެރިއެކެވެ. އަދި މިހާރު ވެރިކަންކުރާ ޕާޓީއަކީ ނަޖީބުގެ ޕާޓީއެެވެ.