އިންޑިއާގެ އިންދޫރުގެ އަންހެނެއްކަމުގައިވާ ރައީސާ އަންސާރީއަކީ ޕީއެޗްޑީ ހެދުމަށް ފަހު އާމުދަނީ ހޯދަން މަގުމަތީގައި މޭވާއާއި ތަރުކާރީ ވިއްކަމުންދާ އަންހެނެކެވެ.
އިންޑިއާގެ މަޝްހޫރު ނިއުސް ޗެނެލެއްކަމުގައިވާ އެންޑީ ޓީވީން ބުނި ގޮތުގައި ރައީސާ އަންސާރީ ދިރިއުޅުމަށް ކުރަމުންދާ މަސައްކަތަކީ މޭވާއާއި ތަރުކާރީ ވިއްކުމެވެ.
ރައީސާ އަންސާރީ މީޑިއާއަށް މައުލޫމާތު ދެމުން ބުނިގޮތުގައި ތަރުކާރީއާއި މޭވާ ވިއްކަން މަގުމައްޗަށް ނިކުތުމުގެ ކުރިން އޭނާވަނީ މެޓީރިއަލް ސައިންސުން ޕީއެޗްޑީ ހަދާފައެވެ. އޭނާ ޕީއެޗްޑީ ހެދީ އިންދޫރުގެ ދޭވީ އަހިލިޔާ ޔުނިވަސިޓީންނެވެ. އޭގެފަހުން އެތަނުގައި އޭނާ ދުވަސްކޮޅަކު ވަޒީފާ އަދާކުރިއެވެ.
އިންދޫރުގެ ނެހެރޫ ނަގަރުގައި އުޅެމުންދާ ރައީސާގެ އާއިލާގައި ތިބެނީ 25 މީހުންނެވެ. އޭގެ ތެރޭގައި މައިންބަފައިންގެ އިތުރަށް ތިން ބޭބެއާއި އެމީހުންގެ އަށް ދަރީން ހިމެނެއެވެ. އޭނާގެ ބޭބެއިންގެ އަނބިން ދަރިން ދޫކޮށް ގެއިން ނިކުމެގެން ދިއުމުން އެ ކުޑަކުދީން ބަލައި ގެންގުޅުމުގެ ޒިއްމާ އުފުލަމުންދަނީ އޭނާއެވެ.
އިންޑިއާގެ އެތައް މިލިއަން ބައެއްގެ ލޮލުގައި ރައީސާ އަންސާރީ އަޅައިގަތީ މުނިސިޕަލް އޮތޯރިޓީގެ މީހުންނާ ދެކޮޅަށް އޭނާ އިނގިރޭސި ބަހުން ވާހަކަދައްކައި ކުރި މުޒާހަރާއެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވުމާގުޅިގެންނެވެ. އޭނާ މުނިސިޕަލް އޮތޯރިޓީ މީހުންނާ ދެކޮޅަށް ނުރުހުންފާޅުކޮށް އަޑުއުފުލަމުންދިޔައީ އޭނާ މޭވާއާއި ތަރުކާރީ ވިއްކަން ގެންގުޅޭ ގާޑިއާ ބައެއްތަންތަނުގައި ބެހެއްޓުމުން އެއަށް ގޯނާކުރަމުންދާތީއެވެ.
ތަރުކާރީއާއި މޭވާ ވިއްކާމީހުން ގާޑިއާ ތަނެއްގައި ބަހައްޓައިގެން ތިބޭއިރަށް އިންޑިއާގެ ބައެއް ސަރަހައްދުތަކުގެ މުނިސިޕަލްޓީ މީހުން އައިސް އެތަނުން ގާޑިއާ ނަގަން އަނގައެވެ. އެހެންވެ މޭވާއާއި ތަރުކާރީ ވިއްކާ މީހުންނަށް ޖެހެނީ އަބަދުވެސް އެއްތަނުން އަނެއްތަނަށް ގާޑިއާ ހިފައިގެން ދުވާށެވެ.
ރައީސާ އަންސާރީ ބުނިގޮތުގައި ތަރުކާރީއާއި މޭވާ ވިއްކުމުގެ ވިޔަފާރިއަކީ އާއިލީ ވިޔަފާރިއެކެވެ. އެވިޔަފާރީގެ ތެރޭގައި އާއިލާގެ މީހުން އުޅޭތާ 60 އަށްވުރެ ގިނަ އަހަރުވެދާނެކަމަށް އޭނާ ބުންޏެވެ.
"އަހަރެންގެ ބައްޕަގެ އުމުރުން 75 އަހަރު ވެއްޖެ. އޭނާ ވެސް ތަރުކާރީއާއި މޭވާ ވިއްކުމުގެ މަސައްކަތުގައި އުޅުނު. މިހާރު އަހަރެން ވެސް މިއުޅެނީ ހަމަ ތަރުކާރީއާއި މޭވާ ވިއްކަން." އޭނާ ކިޔައިދިނެވެ. "އަމިއްލަ މީހެއްގެ ގާތު ވަޒީފާ އަދާކުރުމަށްވުރެ މޭވާ ވިއްކަން އުޅުން މާ ރަނގަޅުވާނެ ކަމަށް ފެނިގެން މިކަމުގެތެރޭގައި މިއުޅެނީ."
ތަރުކާރީއާއި މޭވާ ވިއްކަން މަގުމަތީގައި އުޅުމުގެ ބަދަލުގައި ވަޒީފާއެއް އަދާކުރުން މާ ރަނގަޅުވާނެ ނޫންހެއްޔޭ މީހަކު ރައީސާ އަންސާރީއާ ސުއާލުކުރުމުން އޭނާ ބުނީ އަމިއްލަ މީހެއްގެ ވަޒީފާ އަދާކުރުމުގައި އެއްވެސް ހައިސިއްޔަތެއް ނެތްކަމަށެވެ.