ޖޮބް ސެންޓަރ ޕޯޓަލް މާކެޓް ކުރުމަށް ކޮންސަލްޓަންޓަކު ހޯދަނީ

ޖޮބްސެންޓަރ ޕޯޓަލް މާކެޓް ކުރުމަށް ކޮންސަލްޓަންޓަކު ހޯދަން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އިޢްލާންކޮށްފިއެވެ.

ޖޮބް ސެންޓަރ ޕޯޓަލް މާކެޓެ ކުރުމަށް ކޮންސަލްޓެންޓެއް ހޯއްދެވުމަށް ނިންމަވައިފައި ވަނީ ދިވެހި ސަރުކާރުން ވަރލްޑް ބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ "މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް" މަޝްރޫޢުގެ ދަށުންނެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފައިވާ ގޮތުގައި އެއް އަހަރު ދުވަހުގެ މިމަސައްކަތަށް މަދުވެގެން 3 މުވައްޒަފުން ބޭނުންވާނެއެވެ. މަސައްކަތަށް ކުރިމަތިލާ ފަރާތްތައް ޝޯޓް ލިސްޓް ކުރުމުގައި ބަލަން ނިންމައިފައިވާ ކަންކަމުގެ ތެރޭގައި އިވެންޓް ޕްލޭނިންގ، އަދި މާކެޓިންގ ނުވަތަ ކޮމިއުނިކޭޝަން ސްޓްރެޓެޖީ ތަރައްޤީކޮށް ތަންފީޒު ކުރުމުގައި ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުރުމާއި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި 10 ނުވަތަ އެއަށްވުރެ ގިނަ މިބާވަތުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުން ހިމެނެއެވެ. އެފަދަ ކަންކަމުގެ ތެރެގައި ކެމްޕެއިނާއި މަގުމަތީގެ ޙަރަކާތްތަކާއި މަހާސިންތާއާއި އެކްސްޕޯ ފަދަ ކަންކަން ހިމެނެއެވެ. ޓީވީ އިޝްތިހާރުފަދަ މާކެޓިންގ ވަސީލަތްތައް އުފައްދައި ފޮނުވުމުގައި ޙާޞިލްކޮށްފައިވާ ކާމިޔާބީ ތަކަށް ވެސް ބެއްލުމަށް ވަނީ ނިންމަވައިފައެވެ. ވެބްސައިޓްގައި ނުވަތަ ޗާޕު ކޮށްގެން ބޭނުންކުރާ މާކެޓިންގ އަށް ބޭނުން ކުރާ ތަފާތު ތަކެތި، އުފެއްދުމުގެ ތިން އަހަރު ދުވަހުގެ ތަޖުރިބާ ހުރުތޯވެސް ބައްލަވާނެއެވެ. އޭގެތެރޭގައި ވެބް ޑިޒައިންކޮށް އަދި ޕްރިންޓްކުރުމުގެ ތަޖްރިބާއަށް ވެސް ބައްލަވާނެއެވެ. އަދި ވެބްޑިޒައިންގައި ޗާޓާއި ޑައިގްރާމާއި ވީޑިއޯ އަދި ޕޯސްޓަރ ފަދަ ތަކެތި ހިމަނާފައި ވޭތޯވެސް ބައްލަވާނެއެވެ. މަސައްކަތަށް ބޭނުންވާ މުހިއްމު މުވައްޒަފުން ޓީމުގައި ހިމެނޭކަން ބަޔާންކޮށް ހުށަހަޅާ ލިޔުންތަކުގެ އިތުރުން ޝޯޓްލިސްޓް ކުރުމުގެ މަރްޙަލާގައި ހުށަހެޅޭ ތަޖުރިބާކާރުންގެ ފެންވަރު ވަޒަން ނުކުރައްވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" އޯގަސްޓް ނުވަވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން ހުށަހަޅަން ޖެހެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރުގެ އިތުރު ކުރުމަށްޓަކައި އިތުރު ބަޔަކާއި ބައިވެރިވެގެން ޝަޢުޤުވެރިކަން ފާޅުކުރުމަކަށް ހުރަހެއް ނެތް ކަމަށް ވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.  ނަމަވެސް، އިތުރު ބަޔަކާ ބައިވެރިވެގެން ހުށަހަޅާނަމަ، އެއީ، ޖޮއިންޓްވެންޗަރ އެއްތޯ، ނުވަތަ ސަބް-ކޮންސަލްޓެންސީއެއް ކަން އެނގޭ ގޮތަށް ހުށަހަޅަންޖެހެއެވެ. ޖޮއިންޓްވެންޗަރ އެއްގެ ގޮތުގައި ހުށަހަޅާ ފަރާތަކުން މަސައްތަށް ހޮވިއްޖެނަމަ، އެފަރާތްތައް، އެކުގައި އަދި ވަކިވަކީން، މުޅި މަސައްކަތުގެ އެއްބަސްވުމަށް ޒިންމާކުރެވޭނެ ކަމަށް އިޢުލާންގައި ބުނެފައިވެއެވެ.

މިމަސައްކަތާ ގުޅޭ ގޮތުން، މަޢުލޫމާތު ދިނުމަށްޓަކައި އޯގަސްޓަ ފަސްވަނަ ދުވަހު 11:00 ގައި އޮންލައިންބައްދަލުވުމެއް. ބޭއްވުމަށް ވަނީ ހަމަޖައްސަވައިފައެވެ. މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިބައްދަލުވުމުގައި ބައިވެރިވާން ބޭނުންނަމަ އޯގަސްޓް ހަތަރު ވަނަ ދުވަހުގެ 14:00 ގެ  ކުރިން، އީމެއިލްގެ ޒަރީއާ އިން އެކަމަށް އެދެން ޖެހެއެވެ. އޮންލައިން ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ބައްދަލުވުމުގެ ލިންކް ބައްދަލުވުން އޮންނަ ދުވަހުގެ 9:00 ގެ ކުރިން ފޮނުވާނެކަމަށް ވެސް އެމިނިސްޓްރީގެ އިޢްލާންގައި ބުނެފައި ވެއެވެ.  

ކޮންސަލްޓެންޓެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުން ކޮންސަލްޓަންޓް ހޮވުމުގައި ޢަމަލުކުރައްވާ މިންގަނޑުތަކަށް ކަމަށްވެސް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީންކޮށްފައިވާ އިޢްލާންގައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.