ރާއްޖޭގެ ހަމަޖެހުމާއި ސަލާމަތްތެރިކަމަކީ އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަމާއި ހަމަޖެހުން: ރައީސް ނަޝީދު  

ދިވެހިރާއްޖޭގެ ހަމަޖެހުމާއި ސަލާމަތްތެރިކަމަކީ އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަމާއި ހަމަޖެހުން ކަމާމެދު ޝައްކެތްވެސް ނެތްވަރަށް އެނގިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު  ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ. ދިވެހިންނާ އެކުގައި އެއްބަސްވުން ތަކެއް ވެގެން ނޫނީ އިންޑިއާ ކަނޑުގެ މައްޗަށް ބާރު ފޯރުވަން އުޅުނު އެއްވެސް ބަޔަކަށް އެކަން ކުރެވިފައެއް ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އިނގިރޭސީންގެ ކުރިން އިންޑިއާ ކަނޑުގައި އޮތް ބާރެއްވިއްޔާ އޮތީ ވެސް ދިވެހިން ނާ އެކުގައި ކޮންމެވެސް އެއްބާވަތެއްގެ މުޢާމަލާތެއް ހިންގައިގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ ސަރަހައްދު އޮތީ އިންޑިއާ ކަނޑުގައިކަން ފާހަގަ ކުރައްވައި ދިވެހިންގެ ހަމަޖެހުން އޮތީ އެ ކަނޑުގެ ހަމަޖެހުމަށް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އިންޑިއާ ކަނޑު ސަލާމަތްކުރެވިފައި އޮތީ ރާއްޖޭގެ މަސްލަޙަތަށް ފަހިވާ ގޮތަށްކަމަށް ވެސް ރައީސް ނަޝިދުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އިންޑިޔާ ކަނޑުގައި ދިރިއުޅޭ އެކަނޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ޤައުމުތަކުގެ ތެރެއިން ރާއްޖެއަކީ އެތައް ސަތޭކަ ރަށުގެ ޤައުމެއްކަން ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިން އަބަދުވެސް ޢަމަލުކުރަންޖެހޭނީ ބުއްދިވެރިކަމާއެކީގައި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކަނޑު އެއީ އިންޑިއާ ކަނޑު. އިންޑިއާކަނޑުގެ ބޭރުން އެކަނޑުގެ ތެރެއަށް ވަދެ، މިކަން ކުރުމަށް އެއްވެސް ޤައުމަކަށް ދޫކޮށްފިނަމަ ތާރީޚުން ފެންނަން އޮތް މަންޒަރު އަޅުގަނޑުމެނަށް ސާފު. ހޮޅިންނަށް ވިއަސް އިނގިރޭސީންނަށް ވިއަސް ޕޯރޗްގީޒުންނަށް ވިއަސް މިކަނޑަށް އައްސޭރި ނުވަނިސް މިކަނޑުގައި އައިސް އަތްގަދަކޮށް އުޅުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިން މާރަނގަޅަށް ޤަބޫލުކޮށްފައި އޮތް ޙަޤީޤަތެއް. ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން. ދިވެހިންގެ މިނިވަންކަން ދިވެހިން އަބަދުވެސް ދަމަހައްޓާނެ. އެކަމަށްޝައްކެއް ނޫފެދޭ. ދިވެހިންގެ އަތުން މި މިނިވަންކަން ގުޑުވާލެވޭނެ ވަކި އިތުރު ބާރެއް ވަކި އިތުރު ގޮތެއް އޮތްކަމަކަށް އަޅުގަނޑަކަށް ނުފެނޭ." ރައީސް ނަޝީދު ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.