މިއަންމާގައި ދިރިއުޅޭ ރޮހިންޖާގެ މުސްލިމުން ގަތުލްކޮށް އިންސާނިއްޔަތާ ޚިލާފު އަމަލުތައް އެގައުމުގެ އަސްކަރިއްޔާއިން ހިންގަމުންދާތީ މިއަންމާއާއެކު އޮތް ވިޔަފާރީގެ ގުޅުން ދިވެހި ރާއްޖެއިން ކަނޑާލައިފިއެވެ.
ރާއްޖޭގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަންމާގެ ސިފައިން އެގައުމުގައި ދިރިއުޅޭ ރޮހިންޖާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން އަންނަ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ދިވެހި ސަރުކާރުން ކުށްވެރި ކުރާ ކަމަށާއި ދެގައުމުގެ ވިޔަފާރީގެ ގުޅުން އަލުން ބާއްވާނީ އެގައުމުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން ފިޔަވަޅު އެޅުމުން ކަމަށެވެ.
މިއަންމާގައި ދިރިއުޅޭ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ބުޑިސްޓުން އިސްވެ ތިބެ ހިންގަމުންދާ ލާއިންސާނީ އަމަލު ތަކުގައި ބުޑިސްޓު އާންމުންނާއި ސިފައިންވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. އެގޮތުން ރޮހިންޖާ މުސްލިމުން އުޅޭ އަވައްތަކަށް އަރައި ގޭގޭގައި އަލިފާން ޖެހުމާއި ދިރިތިއްބައި ވަޅު ލުމާއި ބަޑި ޖަހައި މެރުމާއި އަންހެނުން ރޭޕް ކުރުންވެސް ވަނީ އިންތިހާއަށް ގޮސްފައެވެ.
މިއަންމާގެ ސިފައިން ދެމުންދާ ލާއިންސާނީ ހަމަލާ ތަކުން ފިލަންދާ ގިނަބަޔަކު ގޮސްތިބީ ބަންގްލަދޭޝް ބޯޑަރު ކައިރީގައެވެ. މިހާތަނަށް 40 ހާހަށްވުރެ ގިނަ މީހުން ވަނީ ގައުމު ދޫކޮށް ބަންގްލަދޭޝް ބޯޑަރު ކައިރިއަށް ޖަމާ ވެފައެވެ.