ސީރިޔާ މަތިން އުދުހެމުންދިޔަ އީރާނުގެ މަހާން އެއާގެ މަތިންދާބޯޓަކަށް ނުރައްކާ ވާހާ ކައިރިން އެމެރިކާގެ އެފް-15 މަރުކާގެ ހަނގުރާމަމަތީ ދެ މަތިންދާބޯޓު އުދުއްސައިފިއިވެ. މިހާދިސާގައި ދެ ބޯޓު ޖެހުމުން ސަލަމާތްވުމަށް މަހާން އެއާގެ މަތިންދާބޯޓު ކުއްލިއަކަށް ތިރިއަށް ވައްޓާލުމުން އެބޯޓުން ދަތުރުކުރި ބައެެއް މީހުންނަށް ވަނީ އަނިޔާވެފައެެވެ. އަނިޔާވެފައިވާ މީހުންގެ އަދަދު ހާމަކޮށްފައި ނުވިޔަސް އީރާނުގެ ރަސްމީ ޓީވީން ބުނި ގޮތުގައި 4 މީހަކަށް އަނިޔާވެެެގެން ފަރުވާދޭން ޖެހިފައި ވެއެވެ.
މަހާން އެއާގެ ފްލައިޓް 1152 ދަތުރުކުރަމުން ދިޔައީ އީރާނުގެ ތެރެހާނުން ލެބެނާން (ލުބްނާން) ގެ ބޭރޫތަށެވެ. ލެބެނާންގެ އޮފިޝަލުން މައުުލޫމާތު ދީފައިވާ ގޮތުގައި އެއާބަސް އޭ-343 މަރުކާގެ އެ މަތިންދާބޯޓުގައި 150 މީހުން ބޭރޫތަށް ގޮސްފައި ވެއެވެ.
އީރާނު ޓީވީން ޚަބަރުދީފައި ވާގޮތުގައި މަހާން އެއާގެ ފްލައިޓް އިރާގު ސަހައްދު ހުރަސްކޮށް ސީރިޔާ (ސޫރިޔާ) ގެ ތަނަފް މަތިން ސީރިޔާގެ ސަރަހައްދަށް ވަނުމާއެކު އެމެރިކާގެ އެފް-15 ހަނގުރާމަމަތީ މަތިންދާބޯޓުގެ ދެ ބޯޓު މަހާން އެއާގެ ފްލައިޓާ 200 ވަރަކަށްް މީޓަރު ކައިރިއަށް އައެވެ. އަދި އެ ދެ ބޯޓުންކުރެ ބޯޓެއްގައި ޖެހިދާނެތީ މަހާން އެއާ ފްލައިޓުގެ ކެޕްޓަން ވަނީ ފްލައިޓް ކުއްލިއަކަށް ތިރިއަށް ވައްޓާލައި ތިރިން އުދުހިފައެވެ. މި ކަމުގެ ސަަބަބުން ފްލައިޓުން ދަތުކުރި ބައެެއް މީހުންނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ.
"އަހަރެންނަކަށް ނޭނގޭ ކިހިނެއް ކަމެއް ވީ. އަހަރުމެންގެ މަތިންދާބޯޓާ ގާތަށް ކަޅުކުލައިގެ މަތިންދާބޯޓެއް އައި. ދެން އަހަރުމެންގެ ބޯޓުގެ ބެލެންްސް ގެއްލުނީ. އަހަރެން މައްޗަށް އަރައިގެން ގޮސް ސީލިންގުގަ އަހަރެންގެ ބޯ ޖެހުނީ." މަހާން އެއާގެ ފްލައިޓުން ދަތުރުކުރި މީހަކާ ހަވާލާދީ އީރާނުގެ ރަސްމީ ޓީވީން ބުނެފައި ވެއެވެ.
"އެއީ ހަނގުރާމަމަތީ މަތިންދާބޯޓެއް. ހަނގާމަމަތީ ޖެޓެއް އައިސް އަހަރުމުންގެ ބޯޓު ކައިރީގައި ޖައްސާލާފައި ހުރީ. އަހަރުމެންގެ ބޯޓުގެ ބެލެންސު ގެއްލި މައްޗަށް އަރައި ތިރިއަށް ވެއްޓުުނު." އެ ބޯޓުން ދަތުރުކުރި އެެހެން މީހަކު ބުންޏެވެ.
އެމެރިކާއިން ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައިވާކަން ކަށަވަރުކޮށްދީފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ އެމެރިިކާގެ އެފް-15 މަތިންދާބޯޓެއް މަހާން އެއާގެ ފްލައިޓާ ރައްކާތެރި ހިސާބަށް ކައިރި ކުރި ކަމަށެވެ. އެއީ ކޮން ބޯޓެއްތޯ ދެނެގަތުމުގެ ބޭނުމުގައެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން ބުނީ އެމެރިކާގެ މި ނުރައްކާތެރި އަމަލާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ބަލަމުންދާ ކަަަމަށެެވެ. އަދި އދ. ގެ ސަލަމަތީ މަޖިލީހަށް މައްސަލަ ހުށަހަޅާނެ ކަމަށެެވެ.