ބޮޑު މޮޅަކަށް ފަހު ލިވަޕޫލުން ތަށި އުފުލާލައިފި

ލިވަޕޫލުން 30 އަހަރުގެތެރޭގައި އިނގްލިޝް ޕްރެމިއަރ ލީގްގެ ތަށި ފުރަތަމަ ފަހަރަށް ރޭ އުފުލާލައިފިއެވެ.

ލިވަޕޫލުން ލީގް 19-2020 ތަށި ރޭ ފަޚުރާއި ޝަރަފާއެކު އުފުލާލީ ވާދަވެރި ޗެލްސީ 5-3 ލަނޑުން ބަލިކުރުމަށްފަހު ލިބުނު ބޮޑު މޮޅުގެ އުފަލާއެކުގައެވެ.

ލީގުގައި ހަތްމެޗު ނުކުޅެ ބާކީއޮތްވައި ތަށި ޔަގީންވީ  ލިވަޕޫލާއި ވާދަކުރަމުންއައި މެންޗެސްޓަ ސިޓީ ޖޫން މަހުގެ 25 ވަނަ ދުވަހުގެ ރޭ ޗެލްސީ އަތްދަށުވެ 2-1 ލަނޑުން ބަލިވުމުންނެވެ.

ޓީވީން ކުޅިބަލަންތިބި ލިވަޕޫލްގެ ކުޅުންތެރިންނަށް ޗެމްޕިއަންކަން ޖޫން މަހުގެ 25 ވަނަ ދުވަހުގެރޭ ލިބުނަސް ޕްރެމިއަރ ލީގުގެ ތަށި ލިވަޕޫލާ ހަވާލުކުރީ ރޭ ލިވަޕޫލާއި ޗެލްސީ ބައްދަލުކޮށް ކުޅުނު މެޗަށްފަހުގައެވެ.

ލިވަޕޫލަށް ޗެމްޕިއަންކަން ލިބުނު ފަހުން ކުޅުނު މެޗުތަކުގެތެރެއިން އެއްމެޗުން ބަލިވެ އެއް މެޗު ވަނީ އެއްވަރުވެފައެވެ. ލިވަޕޫލް މެންޗެސްޓްރާ ސިޓީ އަތުން ބަލިވި މެޗާއި އޭގެ ފަހުން ބާންލީއާ ކުޅެ އެއްވަރުވި މެޗުގައި ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ގިނަކަންތައްތަކެއް ރަނގަޅުކުރަން ޖެހިފައި އޮތް ލިވަޕޫލެކެވެ. އެކަމަކު ރޭ ލިވަޕޫލުން ޗެލްސީގެ ގޯލަށް ޖެހި ކޮންމެ ބޯޅައެއްހެން ނެރެންޖެހުނީ ގޯލު ދާގަނޑުގެ ތެރެއިންނެވެ.

ޗެލްސީ ރޭގެ މެޗަށް ނިކުތީ ލިވަޕޫލާ ވާދަކޮށްގެން މޮޅުވެ ޗެމްޕިއަންސް ލީގުގެ ގަދަ ހަތަރެއްގެ މަގާމުގައި ތިބުމުގެ ޔަގީންކަން ހޯދުމަށެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު ހައިރާންވާފަދަ ގޮތަކަށް 3-1 ގެ ނަތީޖާއިން ކުރިހޯދީ ލިވަޕޫލެވެ.

ލިވަޕޫލުން ފުރަތަމަ ލަނޑުޖެހީ ނަބީ ކެއިޓާއެވެ. އޭރިއާބޭރުން ބާރަށް ފޮނުވާލި ބޯޅަ މަތަކުރަން ކީޕަރ ކެޕާ މަސައްކަތްކުރި ނަމަވެސް ބޯޅައިގައި އޭނާއަށް އަތްލެވޭވަރެއްވެސް ނުވިއެވެ. ދެވަނަ ލަނޑަކީ ރެފްރީ އޭރިއާ ބޭރުން ގޯލު ކުރިމަތިން ލިވަޕޫލަށް ދިން އިންސާފެއް ނެތް ހިލޭ ޖެހުމަކުން އެލެކްޒެންޑަރ އާނޯލްޑް ޖެހި ލަނޑެކެވެ. އެބޯޅަ މަތަކުރަން ކީޕަރަށް ހަރަކާތެއްވެސް ނުކުރެވުނެވެ. ލިވަޕޫލުން ތިންވަނަ ލަނޑުޖެހީ ކޯނަރަކުން އުފެއްދި ހަމަލާއެއްގައި ޖިނީ ވައިނަލްޑަމްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީއަށް އުއްމީދެއް ގެނެސްދީ ސުންކަނޑުވާލީ އިތުރުވަގުތުގައި އޮލިވަރ ޖިރޫ ޖެހިލަނޑުންނެވެ.

ދެވަނަ ހާފުގެ ކުޅުންފެށިތާ ނުވަވަނަ މިނިޓުގައި ލިވަޕޫލުގެ ރޮބާޓޯ ފިރުމީނޯ ލަނޑެއް ޖެހުމުން ޗެލްސީ އުނދަގޫ ހާލަތަކަށް ވެއްޓުނެވެ. ނަމަވެސް ޗެލްސީގެ ކުރިއަށް ކުޅުނު ތިން ކުޅުން ތެރިން ބަދަލުކޮށް ކަލުމް ހުޑްސަން އޮޑޯއި އާއި ޓެމީ އެބްރަހަމްއާއި ކްރިސްޓިއަން ޕުލިސިޗް ކުޅެން އެރުވުމުން ޓީމަށް އައު ރޫހެއްލިބި ދެލަނޑު ޖަހައި އާއުއްމީދެއް ލިބިގެންދިޔައެވެ. އެ ދެލަނޑު ޖެހީ ޓަމީ އެބްރަހަމްއާއި ޕްލިސިޗެވެ. ނަމަވެސް ލިވަޕޫލުން އުފެއްދި ކައުންޓަރ އެޓޭކެއްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޗަމްބަލެއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 5-3އަށް ބަދަލުކުރިއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރަށް ވިޔަސް މިދިޔަ އަހަރާއި މިއަހަރު ފާޑުކިއުންތައް އިންތިހާއަށް ބޮޑަށް އަމާޒުވެފައިވާ ޗެލްސީގެ ކީޕަރ ކެޕާގެ ހުނަރުވެރިކަމެއް މޮޅުކަމެއް ރޭގެ މެޗުން ވެސް ނުފެނުނެވެ. ލިވަޕޫލުން ފަސް ލަނޑު ޖެހިއިރު އޭނާއަށް ހުރެވުނީ ގޯލުތެރެއަށް ވަދެގެންދިޔަ ބޯޅަތައް މަތަކުރަން ހަރަކާތެއް ކުރަން ވެސް ނޭގިފައެވެ. އޭނާގެ ކުޅަދާނަކަމާދޭތެރޭ ތައުރީފުގެ ޚިޔާލެއް ހިތަށް ނުވަދެ ފިކުރުބޮޑުވަމުންދިޔައެވެ. ކޯޗު ލަމްޕާޑަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ވޭނަކީ ކީޕަރ ކެޕާގެ ބަލިފައިތަކެވެ. ކީޕަރެއްގެ ގޮތުގައި ކެޕަރ ރޭ ކުރި މަސައްކަތަކީ ގޯލަށް އަންނަ ހަމަލާތަށް މަތަކުރުމެއްނޫނެވެ. އޭނާގެ މަސައްކަތަކީ ގޯލަށް ވަންނަ ބޯޅަތައް ގޯލުތެރެއިން ނެރުމެވެ.

ހިލޭޖެހުމަކުން ލިވަޕޫލުން، ޗެލްސީ ކޮޅަށް ލަނޑެއް ޖަހަނީ

ލިވަޕޫލަށް ލިބުނު ތަށި އުފުލާލީ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ނުކުޅެ ކުޅިބަލަން ދަނޑުބޭރުގައި ހުރި ޖޯޑަން ހެންޑަރސަންއެވެ. ލިވަޕޫލާ ތަށި ހަވާލުކުރީ 30 އަހަރުކުރިން ޓީމަށް ތަށި ހޯދައިދިން ކޯޗު ކެނީ ޑަގްލިޝްއެވެ. އޭނާއަކީ ކުރިން ލިވަޕޫލުގެ މަޝްހޫރު ކުޅުންތެރިއެއްވެސް މެއެވެ.

ލިވަޕޫލުގެ ބަޠަލެއްކަމުގައިވާ ކެނީ ޑަގްލިޝް ލިވަޕޫލުގެ ކެޕްޓަނާ ތަށިހަވާލުކުރިއިރު ލިވަޕޫލަށް ތަރުހީބުދޭ ބެލުންތެރިއަކު ސްޓޭޑިއަމަށް ވަދެނެތެވެ.

މިދިޔަ ފުޓްބޯޅަ މޫސުމުގައި ލިވަޕޫލަށް ތަށި ގެއްލުނަސް މި ފަހަރު ލީގް ފެށުނީއްސުރެން ނިމެންދެން ލިވަޕޫލުން އައީ އެއްވާނެއްގައި އެއްފެންވަރެއްގައި ކޮޅަށް ކުޅެ މޮޅުވަމުން ޕޮއިންޓް އިތުރުކުރަމުންނެވެ. ކުރިއަށް 7 މެޗު ނުކުޅެ އޮތްވާ ޗެމްޕިއަންކަން ލިބުނީ ލީގްގެ ކުރީކޮޅު ލިވަޕޫލުން ހޯދި ކާމިޔާބީތަކާ ގުޅިގެންނެވެ.

ޕްރިމިއަރ ލީގުގައި ކުޅޭ އެންމެ ފަހުމެޗުތައް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ. އެރޭ ކުޅޭ މެޗުތަކުގެތެރެއިން އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓޭނީ ޗެލްސީއާއި ވުލްސް ކުޅޭ މެޗަށާއި މެންޗެސްޓްރާ ޔުނައިޓެޑާއި ލެސްޓާގެ މެޗަށެވެ. ޕްރެމިއަރ ލީގުން ޗެމްޕިއަންސް ލީގަށް ހޮވޭ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމު ކަނޑައެޅޭނީ އެ ދެމެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ. ޕޮއިންޓް ޓޭބަލަށް ބަލާއިރު ފަހު މެޗުގައި އެންމެ ޕޮއިންޓެއް ލިބިގެންވެސް މެންޗެސްޓާރ ޔުނައިޓެޑަށާއި ޗެލްސީއަށް ޖާގަ ކަށަވަރުވެދާނެއެވެ.

ޕްރެމިއަރ ލީގުން ޗެމްޕިއަންސް ލީގަށް މިހާރު ހޮވިފައި ވަނީ ލިވަޕޫލާއި މެންޗެސްޓަރ ސިޓީއެވެ.

ލިވަޕޫލް ލީގުގައި ކުޅެންޖެހޭ ފަހު މެޗު ކުޅެންދާން ޖެހޭނީ ނިއުކާސަލްގެ ދަނޑަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ ލިވަޕޫލަށް 99 ޕޮއިންޓު ހަމަވާނެއެވެ.

ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނި ގޮތުގައި ޓީމަށް ތަރުދީބުދޭ މީހުންނާއެކު އުފާ ފާޅުކުރުމުގެ ޕާޓީ ބާއްވާނީ ކޮރޯނާ ވައިރަސްގެ ކަންތައް ނިމުމުން ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.