ސުލައިމާން އެންއައިސީން ވަކި ކުރަން ފާސްކޮށްފި

ނޭޝަނަލް އިންޓެގްރެޓީ ކޮމިޝަން ގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަޙްމަދު ސުލައިމާން މަގާމުން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އޭނާ ވަކި ކުރައްވަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ 58 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާ މެންބަރަކު ނެތެވެ.

މަޖިލީހުގެ މިނބިވަން މުއައްސަތަކާ ބެހޭ ކޮމިޓީން ވަނީ އެންއައިސީގެ ހަތަރު މެންބަރަކު ވަކި ކުރަން ފާސްކޮށްފައެވެ. އެކަމަކު މަޖިލީހުން ފާސްކުރުމުގެ ކުރިން ތިން މެންބަރަކު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެއީ ނާއިބު ރައީސް ޙައްސާން ޙަމީދާއި، މެންބަރު އަޙްމަދު އަމީނާއި، މެންބަރު ޚަދީޖާ ޢަބްދުﷲއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ލަފާ ގަބޫލު ކުރައްވައި ސުލައިމާން ވަކި ކުރައްވައިފިނަމަ އެންއައިސީގައި ހުންނަވާނީ އެންމެ މެންބަރެކެވެ. އެއީ އަޙްމަދު ޖިހާދެވެ. ޖިހާދަކީ މާލޭ މޭޔަރ ޝިފާގެ ފިރިކަލުންނެވެ. އޭނާ އެންއައިސީއަށް އައްޔަން ކުރެއްވީ މި ސަރުކާރުގައެވެ. އަނެއް ހަތަރު މެންބަރުންނަކީ ފައިބެ ސަރުކާރުން އައްޔަން ކުރެއްވި ހަތަރު މެންބަރުންނެވެ.

ސުލައިމާން އެންއައިސީއަށް އައްޔަން ކުރެވުނީ 1 މާޗް 2018 ގައެވެ. އޭނާ ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަންވެސް ކުރައްވައިފައެވެ. އެންއައިސީއަށް އައްޔަން ކުރެވުނީ އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާ ދެއްވިތާ ދުވަސްކޮޅެއް ފަހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.