ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ 'އަމަލް' (އުއްމީދު) އުޅަނދު ޖަޕާނުން އުދުއްސާލި ރޮކެޓެއްގައި ޖައްވަށް ފޮނުވާލައިފިއެވެ. މިއީ އަރަބި ގައުމަކުން މާސްއަށް ފޮނުވާ ފުރަތަމަ އުޅަނދެވެ. މީގެ ކުރިން އެމެރިކާއާއި ޗައިނާއިންވެެސް ވަނީ މާސްއަށް އުޅަނދު ފޮނުވާފައެވެ.
ޖަޕަނުގެ ރޮކެޓް އުދުއްސާލާފައި ވަނީ މިއަދު ހެނދުނު 6:58 (ރާއްޖޭ ގަޑިން މެންދަމު ރޭ ދަންވަރު 2:58) ގައި ޖަޕާނުގެ ދެކުނުގައި އޮންނަ ޓަނެގަޝީމާ ސްޕޭސް ސެންޓަރުންނެވެ.
އަމަލް އުޅަނދު މާސްއަށް ފޯރާނެ ކަމަށް ބެލެވެނީ 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ. އެ އަހަރަކީ ޔޫއޭއީގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރާ އަހަރެވެ.
ޖަޕާނުން މާސްެއަށް އުޅަނދު އުދުއްސާލިތާ ދޮޅު ގަޑިއެއްހާ އިރު ފަހުން ދުބައިގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން އެމިރޭޓްސް މާސް މިޝަންގެ ޕްރޮޖެކްޓް ޑިރެކްޓަރު ވިދާޅުވީ އުޅަނދުން ބިމަށް ސިގްނަލް ފޮނުވަމުންދާ ކަމުގައެވެ. އަދި ހުރިހާ ކަމެއް އަދި ދަނީ ރަނގަޅަށް ކަމުގައެވެ.
އަމަލް އުޅަނދު ޖައްވަށް ފޮނުވަން ބޭނުންކުރީ ޖަޕާނުގެ މިޓްސުބިޝީ ހެވީ އިންޑަސްޓްރީޒްގެ އެޗް-އެޗްއޭ ރޮކެޓެކެވެ. މިޓްސުބިޝީން ބުނީ ކާމިޔާބުކަމާއެކު އުޅަނދު ރޮކެޓާ ވަކިވެފައިވާ ކަމަށާއި، އުޅަނދު މިހާރު އޭގެ އަމިއްލަ ޒާތުގައި ދަތުރުކުރަމުންދާ ކަމަށެވެ. ވިއްސާރައިގެ ސަބަބުން އުޅަނދު އުދުއްސާލުން ފަސް ދުވަސް ލަސްކުރަން ޖެހުނެވެ.
ޖައްވީ ތަރައްގީގެ މައިދާނަށް ޔޫއޭއީ ވަން ފަހުން އެގައުމުން ވަނީ ތިން ސެޓެލައިޓް ޖައްވަށް ފޮނުވާފައެވެ. ދެ ސެޓެލައިޓް އުފެއްދީ ދެކުނު ކޮރެޔާއިންނެވެ. އުދުއްސާލީ ރަޝިޔާއިންނެވެ. ތިންވަނަ ސެޓެލައިޓް އުފެއްދީ ޔޫއޭއީގައެވެ. އުދުއްސާލީ ޖަަޕާނުންނެވެ.
ޔޫއޭއީން އަމާޒު ހިފާފައި ވަނީ 2117 ވަނަ އަހަރު މާސްގައި އިންސާނުން ދިރިއުޅޭ ކޮލޮނީއެއް ގާއިމުކުރުމަށެވެ.
އުފެއްދުމާއި އުދުއްސާލުމަށް 200 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވި އަމަލް އުފައްދާފައިވަނީ ޔޫއޭއީގެ ސައިންޓިސްޓުންނާއި، އެމެރިކާގެ ޔުނިވަސިޓީ އޮފް ކޮލޮރާޑޯ ބޯލްޑަރ، ޔުނިވަސިޓީ އޮފް ކެލިފޯނިޔާ ބާކްލޭ އަދި އެރިޒޯނާ ސްޓޭޓް ޔުނިވަސިޓީ ގުޅިގެންނެވެ.
ކުޑަ ކާރެއްވަރު ވާ އަމަލް އުޅަނދުގައި މާސްގެ ޖައްވާއި މޫސުން ދިރާސާކުރާ އާލާތްތައް ހަރުކޮށްފައި ވެއެވެ.