އައިޖީއެމްއެޗްގައި މިވަގުތު އެޑްމިޓް ކުރައްވާފައި އޮންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ސިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ކަންކަމުގައި ހޯމް މިނިސްޓަރު އަޒްލީން އާއި ކަމާބެހޭ އެހެން މުއައްސަސާ ތަކުގެވެސް ހުރަހެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މެމްބަރުން މިއަދު ހޯމް މިނިސްޓްރީއަށް ވަޑައިގެން މިނިސްޓަރާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވީ ހޯމް މިނިސްޓަރުގެ ވާހަކަ ތަކުން އާ އުންމީދު ތަކެއް ލިބިއްޖެ ކަމަށާއި ލަސްތަކެއްނުވެ ގާސިމް ރާއްޖެއިން ބޭރަށް ފުރޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ސަމީރު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ޙުކުމާއި އެއްގޮތަށް ގާސިމް ބޭރަށް ފޮނުވުމުގެ ނިޔަތް ސަރުކާރުން ގެންގުޅޭކަންވެސް ގަބޫލު ކުރައްވާ ކަމަށެވެ. ހޯމް މިނިސްޓަރު ރޭ ވަނީ ގާސިމް އަރިހަށް ޒިޔާރަތްވެސް ކުރައްވާފައެވެ. މިނިސްޓަރުވެސް ވިދާޅުވެފައި ވަނީ ދެން ލަސްތަކެއްނުވެ ގާސިމް ފުރޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ތިން އަހަރާއި ދެމަހުގެ ޖަލު ޙުކުމެއް އިއްވީވެސް ހޮސްޕިޓަލުގައި އޮންނަވަނިކޮށެވެ. ޙުކުމް އިއްވުމުގެ ކުރިންވެސް އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ޑޮކްޓަރުން ވިދާޅުވެފައި ވަނީ ގާސިމް ހިތުގެ ދެ ޓެސްޓެއް ހަދަންޖެހޭ ކަމަށާއި ހިތުގެ އޮޕަރޭޝަނަކަށްދާން ޖެހޭނެ ކަމަށެވެ. އަދި އެއީ ރާއްޖެއިން ކުރެވެން އޮތް ކަމެއްނޫން ކަމަށާއި ވީހާވެސް އަވަހަށް ބޭރަށް ވަޑައިގަތުމަށް ޑޮކްޓަރުން ވަނީ ލަފާ ދެއްވާފައެވެ.