އިދިކޮޅު ސިޔާސީ ލީޑަރުންގެ ޕާސްޕޯޓު ހިފަހައްޓައި ގައުމުން ފުރައިގެންދިޔަ ނުދީ ހިފަހައްޓާފައި ރައީސް ޔާމީންއަށް ގައުމުން ފުރައިގެން ދެވިއްޖެތޯ ޖޭޕީގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހިމް ސުވާލު ކުރައްވައިފިއެވެ.
އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރުންގެ ޕާސްޕޯޓު ރައީސް ޔާމީން ހިފަހައްޓައި އެބޭފުޅުން ގައުމުން ފުރިޔަނުދިންއިރު ރައީސް ޔާމީން ހުންނެވީ އަމިއްލަފުޅު ޕާސްޕޯޓު އަތްޕުޅުގައި އޮވެ ގައުމުގައި ބަންދުވެފައި ކަމަށެވެ.
"ހުރިހާ ސިޔާސީ ލީޑަރުން ޕީޕީ (ޕާސްޕޯޓް) ހިފަހައްޓާފައި ފުރިޔަނުދީ ބަންދުކޮށްގެން އާރްވައި (ރައީސް ޔާމީން) އަށް ގައުމުން ފުރިއްޖެތޯ؟ ތިޔައޮތީ ޕީޕީ އޮވެ ރަށު ބަންދުގައި ހުންނަން ޖެހިފަ" ރައީސް ޔާމީން ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީއަރަބިއްޔާއަށް ފުރާވަޑައިގަތުން ފަސްކުރައްވާފައިވާތީ ގިނަބަޔަކު އެކަމާ ސުވާލު އުފައްދާފައިވާ ދަނޑިވަޅުގައި އަމީން ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
ރައީސް ޔާމީން ޙައްޖުގެ އަޅުކަން އަދާކުރައްވަން ސައުދީއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅު ފަސް ކުރެއްވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ރައީސް ޔާމީން އުޅުއްވަނީ ގައުމުން ބޭރަށް ވަޑައިގަންނަވަން ބިރުފުޅުން ކަމަށް ތުހުމަތު ކޮށްފައެވެ. ރައީސް ޙައްޖުގެ ދަތުރުފުޅު ކެންސަލް ކުރެއްވި ކަމެއް އަދި ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އެމަނިކުފާނުގެ އަނބިކަނބަލުން މިހާރު ވަނީ މައްކާއަށް ވަޑައިގެންފައެވެ.