ވަށައިގެން: ފިސާރި ކުރުކުރު ކުރުވާހަކައެއް

މާ ދުރު ނޫން ހިސާބެއްގައި، މާ ދުރު ނޫން ޒަމާނެއްގައި  އާދައިގެ ނިކަމެއްޗަކާއި ފިސާރި ނުފޫޒު ގަދަ ބޭކަލަކު އެއް ސަހަރުގެ ދެ ހިސާބެއްގައި އުޅުނެވެ. އެކަކުގެ ނަފްސު ބަލިކަށިވި ވަގުތު އެ ސަހަރުގެ މާރުކޭޓުން ރިހާކުރު ފުޅިއެއް މީނާ ވަގަށް ނަގައިފިއެވެ. މީނާ އަތުލައި ގަނެވުނު އިރު މީނާއަށް، އެފުޅީގެ މަތި ނަގައި އެއީ ތެލުލައި މީރުކޮށްފައި ހުރި ރިހާކުރުތޯ، ނުވަތަ ހަމަ އެންމެ އާދައިގެ ރިހާކުރުތޯ ބަލައިލާނެ ވަގުތުވެސް ނުވެއެވެ!

އެ ސަހަރުގައި އުޅުއްވާ ނުފޫޒުގަދަ ބޭފުޅާ، ލިބިވަޑައިގަންނަވަން އޮތް ހުރިހައި ގޮތަކުން މިލިޔަނުން، މިލިޔަނުން ފައިސާ ހޯއްދަވައި އޭނާގެ ނަސީބުގެ ތަރި އޮއްސެންދެން ފިސާރި މަޖާ ކުރެއްވިއެވެ. ނަސީބު ގަދަ ބައެއް މީހުންނަށް ކަޅުހިލަ ދަޔަށް މަސްވަޅި ވަންނަ ސާއަތެއް އަންނާނެޔޭ ބުނެއުޅެއެވެ. އެ ބުނަނީ ނަސީބުގެ ހުރިހައި ތަރި ތަކެއް އެއް ސަފަކަށް ޖެހި އެމީހެއްގެ ނަސީބު މާ ވަރުގަދަވާ ހިނދުކޮޅެއްގެ ވާހަކައެވެ. އެ ހިނދުކޮޅުގައި ގަހެއް އިންދިޔަސް، ވިޔަފާރިޔެއް ފެށިޔަސް އެކަމުގެ މޭވާ ފިސާރި ތިޔާގެ ވާނެކަމަށް އިހު މީހުން ބުނެއެޅެއެވެ.

މިދެންނެވި ފިސާރި ނުފޫޒު ގަދަ ބޭފުޅާއަށް، ކަޅުހިލަދަޔަށް މަސްވަޅި ވަންނަ ސާއަތު ދެތިން އަހަރަށް ދެމިގެން ދިޔައެވެ. ނަމަވެސް ކޮންމެ ހުވަފެނެއްވެސް ނިމެންޖެހޭ އުސޫލުން މި ނުފޫޒުގަދަ ބޭފުޅާވެސް އެކަނިވެރިވެ، އޭނާއަށް ކަންކަން ފަހިކޮށްދިން ޖިންނިތައް ކުއްލިއަކަށް މީނާ ދޫކޮށްލައިފިއެވެ. ޝަރީއަތްތައް ފެށިއްޖެއެވެ. އެއް ފަހަރު ބަންދުވެ، އަނެއް ފަހަރު ގެއަށް ބަދަލުވެ، އެންމެ ފަހުން މިނިވަންވެ، މޮޑެފައި އޮތް ފުށްގަނޑަކުން ދިގު އިސްތައްޓެއް ދަމައި ނެރޭއިރު ފުށްކޮޅެއް ތަތްލާފައި ނުހުންނަ ބީދައިން ޝަޚްސިއްޔަތު ކިލަނބު ވާނެ އެއްވެސް އެއްޗެއް ތަތްނުލައި ސާފު ބޯކިރުކޮޅެއްފަދަ ވެއްޖެއެވެ!

ނުފޫޒު ގަދަކަމުން މުއްސަނދިވެ މުއްސަނދި ވީވަރަކުން މާ ނުފޫޒުގަދަވި ކުށެއް ނެތް ކުއްވެރިޔާގެ ލޯޔަރުންގެޓީމުގެ އިސް ވަކީލުގެ އަރިހުގައި މީހަކު އަހައިލިއެވެ. ރިހާކުރު ފުޅި ވަގަށް ނެގި މީހާޔަށް ޖަލު ހުކުމެއް އައިސް، ނުފޫޒު ގަދަ ބޭފުޅާ އެހައި ސާފުކޮށް ގައިކޮޅުގައި އެއްވެސް އެއްޗެއް ތަތްނުލައި އެ ސަލާމަތްވީ، މިހާރު މިފެންނަ ތަތްނުލަވާ ތަވާގައި އުނގުޅާފައި ހުންނަ ޓެފްލޯން ތުރުކުރައްވައިގެން ހުންނެވީމައިތޯއެވެ؟

އިސް ވަކީލު ވިދާޅުވިއެވެ، " ކަލޭގެ ޚިޔާލު މާ ދުރަށް ދިޔައީތާއެވެ! ޓެފްލޯނަކާ ބެހޭވެސް ކަމެއް ނޫނެވެ. ރިޝްވަތު ނަގަން ނުޖެހޭވަރުގެ ބޮޑު މުސާރަ ގާޒީންނަށް ލިބެން ފެށި ފަހުން، ރިހާކުރަކީ ގާޒީއަށް މާ ނުބައިވަސް ދުވާ އެއްޗަކަށް ވީއެވެ!"

އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.