ފަލަސްޠީނުގެ ބިން އަމިއްލަކުރަން އުޅޭތީ އިސްރާއީލާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ޔޫރަޕުގެ 11 ގައުމަކުން ގޮވާލައިފި

ގަދަބާރުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބޮޑު ބައެއް ރަސްމީގޮތުން އިސްރާއީލުގެ ބައެއް ކަމުގައި ކަނޑައެޅުމަށް އިސްރާއީލުގެ ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވުމަށްޓަކައި، އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް ޔޫރަޕުގެ 11 ގައުމަކުން ގޮވާލައިފިއެވެ. މި ގޮވާލުން އައިސްފައި މިވަނީ އިސްރާއީލުގެ ބައެއްް މަސްއޫލުވެރިންނާ ދެކޮޅަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި ޝަރީއަތް ފަށަން އުޅޭ ކަމުގެ އަޑު ފެތުރިފައި ވަނިކޮށެވެ.

ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ފޮރިން ޕޮލިސީ ޗީފް ޖޮސެޕް ބޮރެލްއަށް އެ 11 ގައުމުގެ ޚާރިޖީ ވަޒީރުން ފޮނުއްވި ސިޓީގައި ވާގޮތުން މިކަމުގައި އަވަހަށް ފިޔަވަޅުއެޅުން މުހިއްމެވެ. އެއީ އިސްރާއީލު ހުއްޓުވުގެ 'ދޮރު ބަންދުވަމުން' ދާތީއެވެ.

އިސްރާއީލާ ބެހޭގޮތުން ފޮނުވި އެ ސިޓީގައި ސޮއިކުރައްވާފައި ވަނީ ފްރާންސް، އިޓަލީ، ނެދަލޭންޑްސް، އަޔަލޭންޑް، ބެލްޖިއަމް، ލަކްސެމްބާގް، ސްވިޑަން، ޑެންމާކް، ފިންލޭންޑް، ޕޯޗުގަލް، މޯލްޓާގެ ޚާރިޖީ ވަޒީރުންނެވެ.

"ހިފާފައިވާ ފަލަސްޠީނުގެ ބިމުން ބައެއް އިސްރާއީލުގެ ބިމެއްގެ ގޮތުގަައި ކަނޑައެޅުމަކީ އީޔޫއާއި އެ ޖަމާއަތުގެ މެންބަރުން ނުހަނު ކަންބޮޑުވާ ކަމެއް. 4 ފެބްރުއަރީ 2020 ގައި 18 މޭ ގައި މަނިކުފާނު ދެއްވާފައިވާ ބަޔާންތަކުގައިވެސް ވާގޮތުން، ހިފާފައިފާ ފަލަސްޠީނުގެ ބިންތައް އިސްރާއީލުގެ ބައެެއްގެ ގޮތުގައި ކަނޑައެޅުން ވާނީ ބަައިނަލްއަގުވާމީ ގާނޫނާ ޚިލާފުކަމެއް ކަމުގައި." 11 ޚާރިޖީ ވަޒީރުން ފޮނުއްވި ސިޓީގައި ވެއެވެ.

އިސްރާއީލުން ފަލަސްޠީނުގެ ބިންތައް އަމިއްލަކުރުމާ ގާތްގަނޑަކަށް އީޔޫ ހުރިހާ ގަމެއް ދެކޮޅުހެދި ނަމަވެސް، (އީޔޫގެ މެންބަރުންގެ ތެރެއިން މިމައްސަލައިގައި ވަކި އެެއްޗެއް ނުބުނާ ގައުމަކީ ހަންގޭރީ) އިސްރާއީލާ ދެކޮޅަށް އަޅާނެ ފިޔަވަޅެއް އެޖަމާއަތުން ނިންމާފައި ނުވެއެވެ.

އިސްރާއީލާ ދެކޮޅަށް އެޅުމަށް އީޔޫގެ މެންބަރު ގައުމުތަކުގެ މެދުގައި މަޝްވަރާކުރެވިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އީޔޫއާކު އެެއްބަސްވުން އެކުލަވާލުމުގެ ފުރުސަތު އިސްރާއީލަށް ނުދިނުމާއި، އެއްބާރުލުމުގެ އާ އެއްބަސްވުންތައް އެކުލަވާނުލުމާއި، ޔަހޫދީ އާބާދީތަކުގެ އުފެއްދުންތައް އީޔޫއަށް އެތެރުކުރުމާ ބެހޭ އުސޫލުތައް ހަރުކަށިކުރުން ހިމެނެއެވެ.

އަނެއްކޮޅުން، އިސްރާއީލުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، އިސްރާއީލުން ފަލަސްޠީނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަ ބެލުމާމެދު ބައިނަލްއަގުވާމީ ޖިޏާއީ ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.