އިންޑިއާގެ މުކޭޝް އަމްބާނީ: ދުނިޔޭގެ އެންމެ މުއްސަނދި 6 ވަނަ މީހާ

މުކޭޝް އަމްބާނީ: އިންޑިއާގެ އަދި އޭޝިއާގެ އެންމެ މުއްސަނދި މީހާ

އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނު ރެލިއަންސް އިންޑަސްޓްރީގެ ވެރިޔާ މުކޭޝް އަމްބާނީއަށް ދުނިޔޭގެ އެންމެ މުއްސަނދި ހަވަނަ މީހާގެ މަގާމު ލިބިއްޖެއެވެ.

ބްލޫމްބާރގް ބިލިއަނާސް އިންޑެކްސްއިން ހާމަކުރި ރިޕޯޓެއްގައިވާ ގޮތުން މުކޭޝް އަމްބާނީ ދުނިޔޭގެ އެންމެ މުއްސަނދި ހަވަނަ މީހާގެ މަގާމު ހޯދީ ކުރިން އެ މަގާމުގައި ހުރި އެމެރިކާގެ ކޮމްޕިއުޓަރ ސައިންސްވެރިއެއްކަމުގައިވާ ލޯރެންސް އެޑްވަޑް ޕޭޖް (ލެރީ ޕޭޖް) ފަހަށް ޖައްސާލުމަށްފަހުގައެވެ.

ބްލޫމްބާރގް ބިލިއަނާސް އިންޑެކްސްގެ އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން މުކޭޝް އަމްބާނީގެ މިލްކިއްޔާތަށް 16 މިލިއަން ޑޮލަރ އިތުރުވުމާއެކު އޭނާގެ މިލްކިއްޔާތުގެ އަދަދު ވަނީ 72.4 ބިލިއަން ޑޮލަރަށް އަރާފައެވެ. 

ދުނިޔޭގެ އެންމެ މުއްސަނދީންގެ ލިސްޓުގެ ފަސްވަނައިގައި ވަނީ އެމެރިކާގެ މަހުޖަނެއްކަމުގައިވާ ސްޓީވް ބޯލްމާއެވެ. އޭނާގެ މިލްކިއްޔާތުގައި 72.6 ބިލިއަން ޑޮލަރ ހުރިކަމަށްވެއެވެ. ހަތަރުވަނައަށް އެންމެ މުއްސަނދީ މާކް ޒަކަރބާގްއެވެ. އޭނާގެ މިލްކިއްޔާތުގައި 90.8 ބިލިއަން ޑޮލަރ ހިމެނެއެވެ. ތިންވަނައަށް އެންމެ މުއްސަނދީ ބާނާޑް އާމަލްޓްއެވެ. އޭނާގެ މިލްކިއްޔާތުގައި 95.4 ބިލިއަން ޑޮލަރވެއެވެ. ދެވަނައަށް އެންމެ މުއްސަނދި މީހަކީ ބިލް ގޭޓްސްއެވެ. އޭނާގެ މިލްކިއްޔާތަކީ 115 ބިލިއަން ޑޮލަރވެއެވެ. އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހަކީ ޖެފް ބެޒޯސް އެވެ. އޭނާގެ މިލްކިއްޔާތުގައި 184 ބިލިއަން ޑޮލަރ ހިމެނެއެވެ.

އިންޑިއާގެ އަދި އޭޝިޔާގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި މުކޭޝް އަމްބާނީއަކީ ކުރިން އޭނާގެ ބައްޕަގެ ތެލުގެ ވިޔަފާރީގައި މަސައްކަތްކޮށްފައިވާ މީހެކެވެ. އޭނާ އޭގެ ފަހުން އަދަނަށް ގޮސް އެތަނުގައި މަސައްކަތްކުރިއެވެ. އަމިއްލަ ވިޔަފާރި ފެށީ އޭގެ ފަހުންނެވެ.

މުކޭޝް އޭނާގެ އާއިލާއެކު ބޮމްބޭގައި ދިރިއުޅެމުންދަނީ ދުނިޔޭގެ އެންމެ އަގު ބޮޑު ގޭގައެވެ. އެއީ އިނގިރޭސި ޝާހީ ގަނޑުވަރާ އެއްފަދަ ތަނެކެވެ. ދުނިޔޭގެ އެންމެ އަގު ބޮޑު ގެއެއްގައި އުޅުމުގެ ޝަރަފުވެސް ލިބެނީ މުކޭޝް އަމްބާނީއަށެވެ.

ދުނިޔޭގައި އެންމެ ބޮޑު އަދި އެންމެ ގިނައިން ޕޮލިސްޓަރ އުފައްދާ ކުންފުންޏަކީ ވެސް މުކޭޝް އަމްބާނީގެ މިލްކިއްޔާތުގައި ހިމެނޭ ތަނެކެވެ.

މުކޭޝް އަމްބާނީ އަމިއްލަ ވިޔަފާރި ކުރިކަމަށްވިޔަސް އޭނާގެ ހުނަރުވެރިކަމާއި މުއްސަނދިކަން ފާހަގަކުރެވެންފެށީ އޭނާގެ މުއްސަނދި ބައްޕަ ދިރުބާއީ އަމްބާނީ މަރުވުމުން މުދާބަހައިގެން ލިބުނު ފައިސާއާއި ތަކެތީގެ ބޭނުންކޮށްގެން ތެލާއި ގޭހުގެ ވިޔަފާރިން ހޯދަންފެށި ކާމިޔާބީތަކުންނެވެ.

މުކޭޝް އަމްބާނީއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ ގުޅިގެން ވިޔަފާރީގައި އެތައް ސަތތޭކަ މިލިއަން ޑޮލަރުގެ ކޮރަޕްޝަން ހިންގާ މީހެއްކަމަށް ކޮންގްރެސް ޕާޓީން ސިފަކުރަމުންދާ މަހުޖަނެކެވެ. 

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.