ގާސިމް ބޭރަށް ފޮނުވުމާބެހޭ ގިނަކަންކަން ފުރިހަމަވެއްޖެ، ދެން ލަހެއްނުވާނެ- އަޒްލީން

ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗުގައި މިހާރު އެޑްމިޓް ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ސަރުކާރުން ކުރަންޖެހޭ ގިނަކަންކަން މިހާރު ފުރިހަމަ ކުރެވިއްޖެ ކަމަށާއި ގާސިމް ބޭރަށް ފޮނުވުން ދެން ލަސްނުވާނެ ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ގާސިމް އިބްރާހިމްއާ ބައްދަލު ކުރެއްވުމަށް ފަހު އަޒްލީން ވިދާޅުވީ ގާސިމް ބޭރަށް ފޮނުވުން ލަސްވީ ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުގެ ބައްދަލުވުމެއް ބާއްވަން ކޯރަމް ހަމަނުވެގެން ކަމަށާއި ނަމަވެސް މިއަދުގެ ވަގުތެއްގައި އެ ބޯޑުގެ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެއަށް ފަހު ބޯޑުގެ ހުއްދަ ލިބިގެންދާނެ ކަމުގެ އިޝާރާތް މިނިސްޓަރު ދެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ގާސިމް އޮންނެވީ ހެޔޮޙާލު ކޮޅުގައި ކަމަށާއި ރާއްޖެއިން ބޭރުން ފަރުވާ ލިބުން ލަސްވެގެން ސިއްޙީ ޙާލުކޮޅު ގޯސްވެދާނެތީ ގާސިމް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަޒްލީން ވިދާޅުވީ ގާސިމް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކަންކަން ވަރަށް ބާރަށް މިހާރު ކުރިޔަށް އެބަދާކަމަށެވެ.

ގާސިމް އައިޖީއެމްއެޗުގައި އެޑްމިޓްކުރީ ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހަށް ވަޑައިގެން އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމާއި ގުޅިގެންނެވެ. ނަމަވެސް ހަމަ އެރޭ ދަންވަރު ކްރިމިނަލް ކޯޓުން ވަނީ ރިޝްވަތު ދެއްވިކަން ސާބިތުވާ ކަމަށް ނިންމައި ތިން އަހަރާއި ދެމަހުގެ ޖަލު ޙުކުމެއް ގާސިމްގެ މައްޗަށް އިއްވާފައެވެ.

ޖަލު ޙުކުމާއެކު ކޯޓުން އަންގާފައި ވަނީ ޑޮކްޓަރުން ވިދާޅުވާ ޓެސްޓުތައް ހެދުމަށާއި ފަރުވާ ކުރުމަށް ގާސިމް ރާއްޖެއިން ބޭރުން ފަރުވާ ހޯއްދެވުމުގައި އެއްވެސް ހުރަހެއް އޮވެގެން ނުވާނެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.