ފާއިތުވި 2019 ވަނަ އަހަރު ދުނިޔޭގައި 690 މިލިއަން މީހުން (ދުނިިޔޭގެ އާބާދީގެ ކޮންމެ 9 މީހަކުން އެކަކު) ބަނޑަށް ޖެހިފައިވާ ކަމުގައި އިއްޔެ އދ.ން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. މިއީ އޭގެ ކުރީ އަަހަރާ އަޅާ ބަލާއިރު ބޮޑު އަދަދެކެވެ.
އދ. ގެ ޖަމްއިއްޔާތައް ކަމުގައިވާ، ކުޑަކުދިންގެ ފަންޑު (ޔުނިސެފް)، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެެޗްއޯ)، ކާބޯތަކެއްޗާ ދަނޑުވެރިކަމާ ބެހޭ ޖަމްއިއްޔާ (އެފްއޭއޯ) އަދި ދަނޑުވެރިކަމުގެ ތަރައްގީއާ ބެހޭ ބައިނަލްއަގުވާމީ ފަންޑު (އިފާޑް) ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) ގުޅިގެން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބަނޑަށްް ޖެހޭ މީހުންގެ އަދަދުތައް މައްޗަށް އަރަމުން ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށެވެ.
'ދަ ސްޓޭޓް އޮފް ފުޑް ސެކިއުރިޓީ އެންޑް ނިއުޓްރިޝަން އިންދަ ވާލްޑް' ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2019 ވަނަ އަހަރު ބަނޑަށް ޖެހުނު މީހުންގެ އަދަދު 2018 ވަަނަ އަހަރަށްވުރެ 10 މިލިއަން މީހުން އިތުރުވެފައިވާ އިރު، އެ އަދަދު 2014 ވަނަ އަހަރަށްވުރެ 60 މިލިއަން މީހުން އިތުރެވެ.
އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ކޮވިޑް- 19 ގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ހީނަރުވެފައި ވާތީ، 2020 ވަނަ އަހަރު ބަނޑަށް ޖެހޭ މީހުން ފާއިތުވި އަހަރަށްވުރެ 93 މިލިއަނާ 132 މިލިއަނާ ދެމެދުގެ އަދަދަކަށް އިތުރުވުން އެކަށީގެން ވެއެވެ.
ދުނިޔޭގައި 5 އަހަރުން ދަށުގެ 144 މިލިއަން ކުޑަކުދިން (ދުނިޔޭގަައި ތިބި އެ އުމުރުގެ ކުދިންގެ އާބާދީގެ %21) ފާއިތުވި އަހަރު ހެދިބޮޑުވާން ވީވަރަށް ނުވާއިރު، 38 މިލިއަން ކުއްޖަކު މިނަށްވުރެ ފަލަވެފައި ވެއެވެ.
ފާއިތުވި އަހަރު ބަނޑަށް ޖެހުނު މީހުން އެންމެ ގިނައީ (381 މިލިއަން މީހުން) އޭޝިޔާގައި ކަމަށް ވިޔަސް، އެންމެ ހަލުވިކަމާއެކު އެ ފަދަ މީހުން އިތުރުވެފައި ވަނީ އެފްރިކާގައެެވެ. އެފްރިކާގައި އެ އަހަރު 250 މިލިއަން މީހުން ބަނޑަށް ޖެހިފައި ވެއެވެ.
"މުޅި ދުނިޔޭގެ އާބާދީއަށް ފުދޭ ވަރަށް ކާބޯތަކެތި އުފައްދާއިރު، އެ އަބާދީގެ 1.5 ބިލިއަން މީހުންނަށް ހަށިގަނޑަށް ބޭނުންވާ ކާނާގެ އަސާސީ މިންވަރާ އެއްވަރަށް ކާން ނުލިބޭނަމަ، އަދި 3 ބިލިއަން މީހުންނަށް އެންމެ އަގުހެޔޮ އަސާސީ ކާނާ ކާން ނުލިބޭ ނަމަ އެއީ ގަބޫލުކުރެވޭނޭ ކަމެއް ނޫން." ރިޕޯޓުގައި ވެއެވެ.