ބެލްޖިއަމްގައި ކޮރޯނާވައިރަސް ފެތުރޭ މިންވަރު އިތުރުވަމުންދާތީ މާސްއެޅުމަކީ ލާޒިމުކަމެއްކަމުގައި ސަރުކާރުން ހަމަޖައްސައިފިއެވެ.
ފުރަބަންދަށް ލުއިދިނުމާގުޅިގެން ފިހާރަތަކަށާއި ބޭންކުތަކަށާއި ސިނަމާތަކަށް ކުރިން މާސްކު ނައަޅައި ވަދެވޭ އުސޫލެއް އޮތަސް މިހާރު ވަދެވޭނީ މާސްކު އަޅައިގެންނެވެ.
ފުރަބަންދަށް ލުއިދިންއިރު ބެލްޖިއަމްގެ ސިއްހީ މާހިރުން އެދިފައިވަނީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށެވެ. އެކަމަކު އާންމުންގެ ގިނަބަޔަކު މާސްކު ނައަޅައި އުޅުމާއި ގައިދުރުކުރުމުގެ ކަންތަކަށް ފަރުވާކުޑަކުރުމުން ބެލްޖިއަމްގައި ވައިރަސް ފެތުރޭ މިންވަރު ވަނީ އިތުރުވެގެންގޮސްފައެވެ.
ސިއްހީ މާހިރުން ހާމަކުރިގޮތުގައި ރައްކައުތެރިކަމުގެ ފިޔަވަޅުތަކަށް އާންމުންގެ ގިނަބަޔަކު ސަމާލުކަން ދިނުން ހުއްޓާލީ ކޮރޯނާވައިރަސް ގައުމުން ނެތިދިޔައީކަމަށް ބަލައިގެންނެވެ. ނަމަވެސް ރައްކާތެރިކަމަށް ސަމާލުކަން ނުދިނުމުގެ ނަތީޖާއަކަށްވީ ގައުމުގެ އެކިކަންކޮޅުތަކުގައި ވައިރަސް ފެތުރޭ މިންވަރު އިތުރުވާންފެށުމެވެ. އެހެންވެ ސިއްހީ ޚިދުމަތްތެރިންގެ އެދުމުގެ މަތިން އާންމު ތަންތަނުގައި މާސްކުއަޅައިގެން އުޅުމަކީ މިހާރު ލާޒިމުކަމެކެވެ.
ކޮރޯނާވައިރަސް ބެލްޖިއަމުން ނައްތާލަން ސަރުކާރުން އަލަށް ހިންގަންފެށި ގާނޫނުގެ ދަށުން އަޅުކަންކުރާ ތަންތަނާއި އާންމުން އުޅޭ އެއްވެސް ތަނަކަށް މާސްކު ނައަޅައި ނުދެވޭނެއެވެ. ފުރަބަންދަށް ލުއި ދިން އިރު އާންމު ދަތުރުތަކުގައި މާސްކު އެޅުމަކީ ކޮންމެ ހެން ކުރަންޖެހޭ ކަމެއްކަމުގައި ވަނީ ކަނޑައަޅާފައެވެ.
ބެލްޖިއަމްގެ 62700 އަށްވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޖެހުނުއިރު 9700 އަށްވުރެ ގިނަ މީހުން ވައިރަސްޖެހިގެން މަރުވެފައިވެއެވެ.
ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް ހާމަކުރުމުގެ ބަދަލުގައި މިހާރު ހެލްތު މިނިސްޓްރީން މައުލޫމާތު ހާމަކުރަނީ ހަފުތާއަކު އެއްފަހަރުއެވެ. މިދިޔަ ހަފުތާގައި ބެލްޖިއަމްގެ 168 މީހުންނަށް ވައިރަސް ޖެހުނުއިރު އޭގެތެރެއިން 32 މީހުން އެނދުމަތި ކުރަންޖެހުނީ އައިސީޔޫގައެވެ.