ވެރިކަންކުރާ ޕީޕީއެމްއިން ވަކިކުރުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައެޅި ކަނޑައެޅުމުން މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަން ވަރަށް ސާފު ކަމަށާއި އިދިކޮޅު ފަރާތްތަކުން ދަނީ އެކަން އޮޅުވާލަމުން ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އިދިކޮޅު ފަރާތްތަކުން އެކަން އޮޅުވާލަމުން ދަނީ ގަސްތުގައި ކަމަށާއި އެކަމަށް ރައްޔިތުން ސަމާލުވާންޖެހޭ ކަމަށެވެ. ޕީޕީއެމްއިން މިގޮތަށް ބުނެފައިވާއިރު އިލެކްޝަން ކޮމިޝަނުން ވެސް ވަނީ ގޮނޑި ގެއްލުނު ކަމަށް އެ ކޮމިޝަނުން ނިންމި 6 ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމައި އެކަން އިއުލާންވެސް ކުރައްވާފައެވެ.
އިލެކްޝަން ކޮމިޝަނުންވެސް ބުނެފައި ވަނީ ސުޕްރީމް ކޯޓުން ރޭ ކަނޑައެޅި ކަނޑައެޅުމާއެކު އެ ކޮމިޝަނުން ކުރިން ނިންމާފައި އޮތް ނިންމުން ބަދަލު ކުރަންޖެހޭނެ ކަމަށް ބުނެފައި ނެތް ކަމަށާއި އެހެންވެ ކުރިންވެސް ކޮމިޝަނުން ނިންމި ގޮތަށް އެ 6 ދާއިރާގެ ބައި އިލެކްޝަނަށްދާނެ ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މެމްބަރުންގެ ގޮނޑި ނުގެއްލޭކަން ސުޕްރީމް ކޯޓުގެ ނިންމުމުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.