ޗައިނާގެ މަނަވަރު ތަކެއް އައީ ގުޅުން ބަދަހިކުރާށާއި ތަމްރީނުދޭން- އެމްއެންޑީއެފް

އިއްޔެ ރާއްޖެ އައި ޗައިނާގެ މަނަވަރު ތަކަކީ ދިވެހި ސިފައިންނަށް ތަމްރީނު ތަކެއް ދިނުމާއި އެކުވެރިކަން ބަދަހި ކުރަން އައި މަނަވަރު ތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ޗައިނާގެ މަނަވަރު ތަކެއް އިއްޔެ ރާއްޖެ އައުމާއި ގުޅިގެން ސޯޝަލް މީޑިޔާގައި އެކިގޮތަށް މީހުން ވާހަކަ ދައްކަމުން ދަނިކޮށް އެމްއެންޑީއެފުން ހާމަކުރި ގޮތުގައި އެއީ ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ތަފާތު ޕްރޮގްރާމް ތަކެއް ހިންގަން އައި ބަޔެކެވެ. އިއްޔެ ރާއްޖެ އައީ ތިން މަނަވަރެކެވެ. އެއީ ޗައިނީސް ނޭވީގެ ޗޭން ޗަން އާއި، ޖިންގް ޒޫ އަދި ޗައޮ ހޫ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އެންމެ ފަހުގެ ޒަމާނީ ހަނގުރާމައިގެ ހަތިޔާރުވެސް ހުންނަ މަނަވަރު ތަކެވެ.

އެމްއެންޑީއެފުން ބުނީ މި ދަތުރުގައި މި ތިން މަނަވަރުގެ ސެއިލަރުންނާ ގުޅިގެން ދިވެހި ސިފައިން ތަމްރީނު ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާއިރު، އެކުވެރިކަން ބަދަހި ކުރުމުގެ ގޮތުން ބައެއް ކުޅިވަރު ހަރަކާތްތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ގިރިފުށީ ޓްރޭނިންގ ސެންޓަރަށާއި، އެމްއެންޑީއެފްގެ ބައެއް އޭރިއާގެ ހެޑްކްއޯޓަރޒްތަކަށް ޒިޔާރަތްކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފަވެއެވެ.

މި ތިން މަނަވަރު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.