ފާއިތުވި ހަފުތާގައި އީރާނުގެ ނަތާންޒް ނިއުކުލިޔާ މަރުކަޒުގެ ސިނާއީ އިމާރާތެކެވެ. ރޯވި އަލިފާނުގެ ސަބަބުން 'ފާހަގަކޮށްލެވޭ ވަރުގެ ގެއްލުމެއް' ލިބިފައިވާ ކަމަށް އީރާނުގެ ނިއުކުލިޔާ ހަކަތައާ ބެހޭ އިދާރާ، އެޓޮމިކް އެނާޖީ އޮގަނައިޒޭޝަން އޮފް އީރާން (އޭއީއޯއައި) އިން ބުނެފިއެވެ.
މީގެ ހަތް އަހަރު ކުރިން ނަތާންޒް ނިއުކުލިޔާ މަރުކަޒުގައި ބިނާކޮށްފައިވާ އެ އިމާރާތަކީ ކުރިމަގުގައި ސެންޓްރިފިއުޖްތައް ތަރައްގީކުރުމަށް ބޭނުންކުރުމަށް ތައްޔާރުކުރަމުންދިޔަ އިމާރާތެއް ކަމަށް ވެއެވެ.
އީރާނުގެ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި އަލިިފާން ރޯވީ ސައިބާ ހަމަލާއަކުން ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. އަދި އެކަމުގެ ފަހަތުގައިވާ ގައުމެއްގެ ކިބައިން އީރާނު ބަދަލުހިފާނެއެވެ. އެއީ ބެލެވޭ ގޮތުގައި އިސްރާއީލެެވެ.
އީރާނުގެ މިވާހަކަތަކާ ގުޅިގެން އިސްރާއީލުން ބުނެފައި ވަނީ އީރާނުގެ ނިއުކުލިޔާ މަރުކަޒެއްގައި ހިނގާ ކޮންމެ ހާދިސާއެއްގެ ފަަަހަތުގައި އިސްރާއީލު ވާން ނުޖެހޭ ކަމުގައެވެ.
"އީރާނުގައި ހިނގާ ހާދިސާއެެއް ކޮންމެހެން އަހަރުމެންނާ ގުޅުން ހުރި ކަމަކަށް ވާކަށް ނުޖެހޭ." އިސްރާއީލުގެ ދިފާއީ ވަޒީރު ބެނީ ގަންޓްޒް ބުންޏެވެ.
"މި ހާދިސާގެ ސަބަބުން އެޑްވާންސްޑް ސެންޓްރިފިއުޖް ތަރައްގީކުރުމުގެ މަސައްކަތް ލަސްވުން އެކަށީގެންވޭ..... ހަލާކުވި އިމާރާތުގެ ބަދަލުގައި މާ ޒަމާނީ އާލާތްތަކާއެކު އެއަށް ވުރެ ބޮޑު އިމާރާތެއް އީރާނުން ބިނާކުރާނެ." އޭއީއޯއައި ތަރުޖަމާނު ބެހްރޫޒް ކަމާލްވަންދީ ވިދާޅުވިއެވެ.
އަލިފާން ރޯވުމުގެ ސަބަބުން އިމާރާތުގެ ތެރޭގައި ހުރި ގިނަ އާލާތްތައް ހަލާކުވެފައިވާއިރު، އެއްވެސް މީހަކު މަރުވެފައި ނުވެއެވެ.
"ނަސީބު ރަނގަޅުކަމުން، މި ހާދިސާގައި އެއްވެސް މީހަކު މަރުވެފައި ނުވޭ. އެކަމަކު ތަކެއްޗަށް ލިބިފައިވާ ގެއްލުން ފާހަގަކޮށްލެވޭ ވަރަށް ބޮޑު." ކަމާލްވަންދީ ވިދާޅުވިއެވެ.
އަލިފާން ރޯވުމަށްފަހު، ފާއިތުވި ހަފުތާގެ ބުރާސްފަތި ދުވަހު މައުލޫމާތުދެއްވި އިރު، ކަމާލްވަންދީ ވިދާޅުވީ އިމާރާތަށް ލިބުނީ ވަރަށް ކުޑަ ގެއްލުމެއް ކަމުގައެވެ. އަދި އެތަނުގައި ކުރަމުން އައި މަސައްކަތަށްވެސް އެ ހަދިސާގެ ސަބަބުން އަސަރުނުކުރާ ކަމުގައެވެ.
އޭއީއޯއައިއިން ބުނި ގޮތުގައި ރޯވި އިމާރާތުގައި ނިއުކުލިޔާ އެއްވެސް މާއްދާއެެއް ނެތެވެ. ސަލާމަތީ ސަަބަބުތަކަށް ޓަކައި، އީރާނުން އަލިފާން ރޯވި ސަބަބު ހާމަކުރަން ބޭނުންނުވާ ކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.