ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކޮށް މަސީހު ހުންނެވި މަގާމަށް އިދިކޮޅު ޕާލިމެންޓްރީ ގްރޫޕުން ގެންނަން ނިންމާފައި އޮތީ އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހިމް މުޙަންމަދު ސޯލިޙް (އިބޫ) ކަމަށާއި އަދި މަޖިލީހުގެ ނައިބު ރައީސް ކަމުން ރީކޯ މޫސާ މަނިކު ދުރުކޮށް އެމަގާމަށް ގެންނަން ނިންމާފައި އޮތީ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫން ކަމަށް ކުރީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިހާރު އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ މީޑިޔާއަކަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކިކުރަން އިދިކޮޅު ޕާޓީ ތަކުން ބޭނުންވަނީ މިނިވަންކަމާއެކު މަޖިލިސް ކުރިޔަށް ގެންދަން ކަމަށާއި މަސީހުގެ ރިޔާސަތުގައި މަޖިލީހަކީ ސަރުކާރުން ތައްގަނޑު ޖަހާ މަޖިލީހަކަށް ހަދާފައިވާ ކަމަށެވެ.
މަސީހުގެ ރައީސްކަން ގެއްލުވާލަން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ތަކުރާރުކޮށް ސަރުކާރުން ފެއިލް ކޮށްލި ނަމަވެސް ނަޝީދު ވިދާޅުވީ އެ މަސައްކަތް އަދިވެސް ހުއްޓާނުލާނެ ކަމަށާއި މަސީހު ވަކި ކުރާނެ ކަމަށެވެ. މަސީހު ރައީސް ކަމުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށްގިނަ މަސައްކަތް ކޮށްފައެވެ. އަދި ނައިބު ރައީސް ކަމުން މޫސާ މަނިކު ދުރުކުރުންވެސް އިދިކޮޅުން ފެއްޓިއެވެ.