މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮންނެވި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ސަރުކާރުން ދިންހާ އަވަހަކަށް ފަރުވާއަށްޓަކައި ގާސިމް ފުރުވާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު ވިދާޅުވީ ހިތުގެ އާލާސްކަންފުޅަކަށް ހަދަންޖެހޭ ޓެސްޓު ތަކެއް ހެދެން އޮތީ ހަމައެކަނި ރާއްޖެއިން ބޭރުން ކަމަށްވެފައި އަދި މިވަގުތު ގާސިމް އޮންނެވި ޙާލަތަށް ބަލާއިރު ހޮސްޕިޓަލުން ނެރެގެން ޖަލަށް ގެންދާނެ ކަމަށް ނުބެލެވޭ ކަމަށާއި ސަބަބަކީ ޖަލުން ގާސިމްއަށް އެވަރުގެ ފަރުވާއެއް ދެވެން ނޯންނާނެތީ ކަމަށެވެ.
ގާސިމަށް ކްރިމިނަލް ކޯޓުން ރޭ އިއްވި ޙުކުމުގައިވެސް ބުނެފައި ވަނީ ތިން އަހަރާއި ދެމަހަށް އިއްވި ޖަލު ޙުކުމް ތަންފީޒު ކުރުމުގައި ގާސިމް ރާއްޖެއިން ބޭރުން ހަދަންޖެހޭ ކަމަށް ޑޮކްޓަރުން ބުނެފައިވާ ޓެސްޓުތައް ހެދުމާއި ގާސިމްއަށް ދޭންޖެހޭ ފަރުވާތައް ހޯދުމުގައި އެއްވެސް ހުރަހެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ގާސިމްއަށް ފަރުވާ ހޯދޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ކޯޓުން ވަނީ ދައުލަތަށް އަމުރު ކޮށްފައެވެ.
ގާސިމް ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ޖެހޭނެ ކަމަށް ޑޮކްޓަރުން ތަކުރާރުކޮށް ބުނަމުން ދިޔަނަމަވެސް ބޭރަށް ނުގެންދެވިގެން އުޅެނީ ކޯޓުގައި މައްސަލަ އޮތުމާއި ގުޅިގެން ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުންނެވެ.