ފުރަތަމަ ފަހަރަށް ޕާކިސްތާނުގެ އަންހެނަކަށް ލެފްޓިނެންޓް ޖެނެރަލްއެއްގެ މަގާމު

ލެފްޓިނެންޓް ޖެނެރަލް ނިގާރު: އަންހެނުން ޖެހެނީ ތައުލީމު ހާސިލުކޮށްގެން ކުރިއެރުން ހޯދަން

ޕާކިސްތާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެނަކަށް ލެފްޓިނެންޓް ޖެނެރަލްއެއްގެ މަގާމު ލިބިއްޖެއެވެ.

ނިގާރު ޖޯހަރަށް ލެފްޓިނެންޓް ޖެނެރަލްގެ މަގާމު ލިބުމުގެ ކުރިން އޭނާ ހުރީ މޭޖަރ ޖެނެރަލްއެއްގެ މަގާމުގައެވެ.

ޕާކިސްތާނު ސިފައިންގެ ލެފްޓިނެންޓް ޖެނެރަލްގެ މަގާމު އަލަށް ލިބުނު ނިގާރު ޖޯހަރު ޚިދުމަތްކުރަމުން ދަނީ ރާވަލްޕިންޑީގެ ކޮމްބައިން މިލްޓްރީ ހޮސްޕިޓަލްގައެވެ.

ނިގާރު ސިފައިންގެ ވަޒީފާއަށް ވަނުމުގެ ކުރިން އޭނާ ވަނީ މެޑިކަލް ޑޮކްޓަރެއްގެ ފާސް 1985 ވަނަ އަހަރު ހޯދާފައެވެ. އޭނާ މެޑިކަލް ޑޮކްޓަރަކަށްވީ ޕާކިސްތާނުގެ އާމީ މެޑިކަލް ކޮލެޖުން ތައުލީމު ހާސިލުކޮށްގެންނެވެ.

ނިގާރަށް ފެބުރުއަރީ 2017 ގައި މޭޖަރ ޖެނެރަލްގެ މަގާމު ލިބުމުގެ ކުރިން އޭނާ ވަނީ ބޭސްވެރިކަމުގެ ރޮނގުން ވަރަށް ވިނަ ފާސް ހޯދައި ކުރިއެރުންތަކެއް ހާސިލުކޮށްފައެވެ.

ނިގާރުގެ ބައްޕައަކީ ވެސް ސިފައިންގެ ޚިދުމަތުގައި އުޅުނު މީހެކެވެ.

ލެފްޓިނެންޓް ޖެނެރަލް ނިގާރު ބުނިގޮތުގައި ސިފައިންގެ ޑޮކްޓަރެއްގެ ގޮތުގައި ގައުމަށް ޚިދުމަތްކުރުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ.

"އަހަރެންގެ ހުވަފެން ހަގީގަތަކަށްވީ 1985 ވަނަ އަހަރު ކެޕްޓަނެއްގެ ދަރަޖައިގައި ސިފައިންގެތެރެއަށް ވަދެވުމުން." އޭނާ ބުންޏެވެ. "ޕާކިސްތާނުގެ އަންހެނުން ޖެހެނީ ކިޔަވަން. ފަހަތަށް ދިއުމުގެ ބަދަލުގައި ކުރިއަށްދާން. އަމިއްލަ ހުވަފެންތައް ހަގީގަތަކަށް ހަދަން މަސައްކަތްކުރަން."

ޕާކިސްތާނުގެ ތާރީޚުގައި ޑޮކްޓަރ ނިގާރުގެ ނަން ލިޔެވިގެންދާނީ  ތިން ތަރީގެ ފުރަތަމަ އަންހެން ލެފްޓިނެންޓް ޖެނަރަލްގެ ގޮތުގައެވެ. އަދި އޭނާ ވެފައި ވަނީ ޕާކިސްތާނުގެ ފުރަތަމަ އަންހެން ސާޖަން ޖެނެރަލްެެއަށެެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.