އިސްތިއުމާރުގެ ދުވަސްވަރު ކޮޮންގޯގައި ހިންގާފައިވާ ކަންކަމާމެދު ބެލްޖިއަމްގެ ރަސްގެފާނު ހިތާމަފުޅުކުރައްވައިފި

ބެލްޖިއަމްގެ އިސްތިއުމާރުގެ ދަށުގައި މިހާރުގެ ކޮންގޯ އޮތްއިރު އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަރުކަށި އަމަލުތަކަށް ބެލްޖިއަމްގެ ރަސްގެފާނު ފިލިޕް މާފަށް ހިތާމަފުޅުކުރައްވާކަން ހާމަކުރައްވައިފިއެވެ. މިއީ ބެލްޖިއަމް ރަސްްކަލަކު އެކަންކަމާމެދު ހިތާމަފުޅުކުރެއްވި ފުރަތަމަ ފަހަރެވެ.

ބެލްޖިއަމްގެ އިސްތިއުމާރުން މިނިވަންވުމަށް 60 އަަހަރު ފުރުމުގެ މުނާސަތަބަތުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ، ޑީއާރް ކޮންގޯ) ގެ ރައީސު ފެލިކްސް ޝިސެކޭޑީއަށް ފޮނުއްވި ސިޓީފުޅެއްގައި، ރަސްމީކޮށް މާފަށް އެދިވަޑައިނުގަތް ނަމަވެސް، ފިލިޕް ރަސްގެފާނު ވަނީ  "ހަރުކަށި އަމަލުތައް" ހިންގައި "ރަހުމްކުޑަކަން" އިސްކުރެވިފައިވާކަމާއި، އިސްތިއުމާރުގެ ދުވަސްވަރު "ހިތްދަތިކަމާއި، ނިިކަމަތިކަން" ދެވިފައިވާކަން ގަބޫލުފުޅުކުރައްވާފައެވެ.

"އަހަރުމެންގެ ގުޅުން އިތުރަށް ވަރުގަަދަކޮށް، ބޮޑަށް ފައިދާކުރަނިވި ގުޅުމެއް އުފެއްދުމަށްޓަކައި، އަހަރުމެންގެ ގުޅިފައިވާ ތާރީޚާމެދު ތެދުވެރިކަމާ އިޚުލާސްތެރިކަމާއެކު ވާކަހަ ދެކެވެން ޖެހޭނެ." ރަސްގެފާނުގެ ސިޓީފުޅުގައި ވެއެވެ.

އޭނާ މި ސިޓީފުޅު ފޮނުއްވާފައި މިވަނީ ބެލްޖިއަމްއިން އެ ގައުމުގެ ތާރީޚުގައި ހިނގާފައިވާ ކަންކަން އަލުން ވަޒަންކޮށް، ކުރީގެ ރަސްގެފާނު ލެއޮޕޯލްޑް-2 ގެ ދުވަސްވަރު ހިންގާފައިވާ އަމަލުތަކުގެ ޒިންމާ އުފުލުމަށް ގޮވައި އަޑުއުފުލަމުންދާ ދުވަސްވަރެއްގައެެވެ.

ބެލްޖިއަމުން ވަނީ 1879 ވަނަ އަހަރުގެ ނޮވެންބަރު މަހު ކޮންގޯ އިސްތިއުމާރުކޮށް، 30 ޖޫން 1960 ގައި އެގައުމު މިނިވަން ވަންދެން ކޮންގޯގައި އިސްތިއުމާރީ ވެރިކަން ހިންގާފައެވެ. 1885 އިން 1908 އަށް ލެއޮޕޯލްޑް-2 ބެލްޖިއަމްެގެ މައްޗަށް ވެރިކަން ހިންގެވީ އޭނާގެ އަމިއްލަފުޅު ބިމެއްގެ ގޮތުގައެވެ. އެ ދުވަސްވަރު ހިންގި ލާއިންސާނީ އަަމަލުތަކުގައި ކޮންގޯގެ 10 މިލިއަނެއްހާ މީހުން މަރުވެފައިވާ ކަމަށް ވެއެވެ. 1908 ގައި ކޮންގޯއަކީ ބެލްޖިއަމް ސަރުކާރުގެ މިލްކެއް ކަމުގައި ކަނޑައެޅިއެވެ.

ބެލްޖިއަމްގެ ބޮޑުވަޒީރު ސޯފީ ވިލްމެސް ވަނީ އިސްތިއުމާރުގެ މައްސަލަ ލަދުވެތިކަމެއް ނެތި ބަހުސްކުރުމަށް ގޮވައިލައްވާފައެވެ.

"2020 ވަނަ އަހަރުގައި އަހަރުމެންގެ ގުޅިފައިވާ މާޒީއަށް އެއްވެސް ފޮރުވުމެއް ނެތި، ހަގީގަތް ގަބޫލުކުރުމާއެކު އަހަރުމެންނަށް ބަލައިލެވެން ވާނެ." ބޮޑުވަޒީރު ވިދާޅުވިއެވެ. "ތެދު ހާމަކުރުމާއި، މާޒީއަށް ބަލައިލުމުގެ އެއްވެސް މަސައްކަތެއް ފެށެންވާނީ ވޭން ދެނެގަނެވިގެން. އަނެކުންނާ ދީފައިވާ ވޭން ގަބޫލުކޮށްގެން. އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.

"މާޒީގެ ޒަޚަމްތަކަށްޓަކައި އަހަރެން އެންމެ ފުންމިނުން ހިތާމަފާޅުކުރަން ބޭނުންވޭ. އަހަރުމެންގެ މުޖުތަމަައުގައި މިއަދުވެސް އޮތް ތަފާތުކުރުމުގެ ސަބަބުން އެކަމުގެ ވޭން ދަނީ އާލާވަމުން." ރަސްގެފާނުގެ ސިޓީފުޅުގައި ވެއެވެ. "ހުރިހާ ބާވަތެއްގެ ނަސްލީ ތަފާތުކުުރުމެއް ނައްތާލަން އަހަރެން މިހިރީ އަޒުމުކަނޑައަޅައިގެން." ރަސްގެފާނުގެ ސިޓީފުޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.