ހެރީއާއި މެގަން އާމުދަނީއެއް ލިބިވަޑައިގަންނާވާނޭ މަގެއް ހޯއްދަވައިފި

އިނގިރޭސި ޝާހީ އާއިލާގެ ހުރިހާ އިއްޒަތަކާއި ހައިސިއްޔަތެއް ދޫކޮށްލެއްވުމަށްފަހު އާދައިގެ ރައްޔިތުންގެ ގޮތުގައި މިވަގުތު އެމެރިކާގައި ދިރިއުޅުއްވަމުން ގެންދަވާ  ހެރީއާއި އަނބިކަނބަލުން މެގަން އާމުދަނީ ހޯއްދަވާނެ މަގެއް ހޯއްދަވައިފިއެވެ.

މީޑިއާތަކުން މައުލާތުދޭގޮތުގައި ހެރީއާއި މެގަން އާއްމު ބައްދަލުވުންތަގުގައި ތަގުރީރު ކުރައްވައިގެން ފައިސާ ހޯއްދަވާގޮތަށް ކުންފުންޏަކާއެކު މިހާރު ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ހެރީއާއި މެގަން ތަގުރީރު ކުރެއްވުމުގެ ޚިދުމަތް ދެއްވަން އެއްބަސްވެވަޑައިގެންނެވީ "ހެރީ ވޯކަރ އެޖެންސީ"އާއެވެ. އެ ކުންފުންޏާ ގުޅިވަޑައިގެން ދުނިޔޭގެ ވަރަށް ގިނަ މަޝްހޫރު ޝަޚްޞިއްޔަތުން އެކި ގައުމުތަކުގައި ތަގުރީރުކުރައްވަމުން ގެންދަވައެވެ. އޭގެތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދެމަފިރިކަނބަލުންނާއި ބިލް ކްލިންޓަންގެ ދެމަފިރިކަނބަލުންނާއި އޮޕެރާ ވިންފްރޭ ވެސް ހިމެނިވަޑައިގަންނަވައެވެ.

"ހެރީ ވޯކަރ އެޖެންސީ"އަކީ ދުނިޔޭގެ މުހިއްމު އަދި މަގުބޫލު ޝަޚްޞިއްޔަތުންގެ ތަގުރީރުތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޭއްވުމުގެ ރޮނގުން މަޝްހޫރު ކުންފުންޏެކެވެ.

ހެރީއާއި މެގަން އާއްމު ބައްދަލުވުންތަކުގައި ތަގުރީރުކުރައްވާ އަގެއް ކުންފުނިން ހާމައެއް ނުކުރެއެވެ. ނަމަވެސް އެ ދެކަނބަލުންނަށް ތަގުރީރުކުރައްވައިގެން އެތައްލައްކަ ޑޮލަރެއް ލިބިވަޑައިގަންނަވާނޭކަމަށް ބެލެވެއެވެ.

އެމެރިކާގެ މަޖައްލާއެއްކަމުގައިވާ "ޓައުން އެންޑް ކައުންޓީ"އިން ހާމަކުރިގޮތުގައި ހެރީއާއި މެގަން އެދެބޭފުޅުންގެ ދިރިއުޅުއްވުމާއި އިޖުތިމާއީ މައްސަލަތަކާއި ސިކުނޑީގެ ސިއްހަތާއި ނަސްލީ އިންސާފާއި އަންހެންކުދީންނަށް ތައުލީމުދިނުމާއި އަންހެނުންގެ ހައްގުތަކާއި ދުނިޔޭގެ މާހައުލަށް ދިމާވަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވައި ތަގުރީރުކުރައްވާނެއެވެ.

ހެރީއާއާއި މެގަން އެ ދެބޭފުޅުންގެ ދަރިކަލުން އާޗީއާއެކު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އެމެރިކާގެ ލޮސްއެންޖަލިސްގައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.