ރައީސު ޓްރަމްޕް ހައްޔަރުކުރުމުގެ އަމުރެއް އީރާނުން ނެރެފި

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ޖެނެރަލް ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ކުށުގައި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްއާއި އިތުރު ބައެއް މީހުން ހައްޔަރުކުރުމަށް އީރާނުން އަމުރެއް ނެރެފިއެވެ. މި އަމަރު ތަންފީޒުކުރުމައި އިންޓަޕޯލްގެ އެހީއަށް އީރާނުން ވަނީ އެދިފައެވެ.

ތެހެރާނުގެ ޕްރޮސެކިއުޓަރ ޢަލީ އަލްޤާސިމެހެރްއާ ހަވާލާދީ އިސްނާ ނިއުސް އެޖެންސީން ބުނެފައިވާ ގޮތުުގައި އީރާނުން ހައްޔަރުކުރަން ބޭނުންވާ 30 މީހުންގެ މައްޗަށް އުފުލާފައިވަނީ މީހުން މެރުމާއި، ޓެރަރިޒަމްގެ ދައުވާއެވެ. ދައުވާ ކުރެވޭ މީހުންގެ ތެރޭގައި އެމެރިކާއާއި އެެހެން ބައެއް ގައުމުތަކުގެ ސިޔާސީ އަދި އަސްކަރީ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަަމަށް ވެއެވެ.

އަލްޤާސީމެހެރް ވިދާޅުވިގޮތުގައި ލިސްޓުގެ އެންމެ ކުރީގައި އޮތީ ރައީސު ޓްރަމްޕްގެ ނަންފުޅެއެވެ. އަދި އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އީރާނުން ކުރާނެއެވެ.

ފާއިތުވި ޖަނަވަރީ މަހުގެ ތިން ވަނަ ދުވަހު ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލާފައި ވަނީ އޭނާ ބަޣުދާދު އެއާޕޯޓުން ނުކުމެވަޑައިގެން ކާރުކޮޅުގައި ދަތުރުކުރައްވަނިކޮށެވެ. އޭނާއާއި އެކުގައި ދަތުރުުކުރި ދެ ކާރުގައި ތިބި މީހުން ވަނީ މަރުވެފައެވެ. ރައީސު ޓްރަމްޕް ވެރިކަމަށް ވަޑައިގަތް ފަހުން އެމެރިކާއާއި އީރާނާ ދެމެދު ގުޅުން ވަނީ އިތުރަށް ގޯސްވެފައެެވެ. ރައީސު ޓްރަމްޕް ވަނީ އިރާނާއިއެކު ވެފައި އޮތް ނިއުކުލިޔާ އެެއްބަސްވުން ދޫކޮށްލައްވައި، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ރައީސު ޓްރަމްޕް ހައްޔަރުކުރުމަކީ މިހާރު ކުރެވޭނޭ ކަމަަކަށް ނުވިޔަސް އީރާނުގެ މި ކޯޓު އަމުރުން ހާމަކޮށްދެނީ ދެގައުމުގެ ގުޅުން މިހާރު ގޯސްވެފައިވާ މިންވަރެވެ.

އީރާނުގެ އެދުމަށް އިންޓަޕޯލް އިން އަދި ވަކި ޖަވާބެއް ދީފައި ނުވެއެވެ.

ދައުވާ ކުރެވޭ މީހުންގެ ލިސްޓުގައި ހިމެނޭ އެހެން މީހެއްގެ ނަމެއް އަލްޤާސިމެހްރީ ހާމަކުރައްވާފައި ނުވެއެވެ. އޭނާ ވިދާޅުވީ ރައީސު ޓްރަމްޕް ރައީސުކަމުން ވަކިވެވަަޑައިގަތުމަށް ފަހުވެސް އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް އީރާނުން މަސައްކަތްކުރާނެ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.