ޖުލައިމަހު ކޮންމެ ހަފުތާއަކު 400 ބަންގްލަދޭޝީން އަނބުރާ ޤައުމަށް ފޮނުވާނެ

ޖުލައިމަހު ކޮންމެ ހަފަތާއަކު ވެސް 400 ބަންގްލަދޭޝީން އަނބުރާ ޤައުމަށް ފޮނުވާނެ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެފައި ވަނީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅުނު  ބަޤްލަދޭޝްގެ 2689 މީހަކު އަނބުރާ ޤައުމަށް ފޮނުވައިފައިވާކަމަށެވެ. ޖުލައި މަހުގެ ކޮންމެ ހަފަތާއަކު ދެފްލައިޓް ބާއްވާއިގެން ބަންޤްލަދޭޝްގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެކަމުގެ ޔަޤީންކަން ވެސް އެޤައުމުގެ ޚާރިޖީ ވަޒީރު ދެއްވައިފައިވާކަމަށް ޕޮރިން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ކޮންމެ ފްލައިޓެއްގައި 200 މީހުން އަނބުރާ ޤައުމަށް ފޮނުވާލެވޭނެކަމަށް ވިދާޅުވިއެވެ. ބަންޤްލަދޭޝް ރައްޔިތުން އަނބުރާ އެޤައުމަށް ފޮނުވާލުމުގެ ކަންކަމުގައި އެޤައުމުގެ ޚާރިޖީ ވަޒީރާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް މިނިސްޓަރޝާހިދު ފާހަގަ ކުރެއްވިއެވެ.  

 މިއަދުވެސް ވަނީ ބަންޤްލަދޭޝްގެ 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފައެވެ. މި މީހުން ވެސް ފޮނުވައިފައި ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މޯލްޑިވިއަންގެ ފްލައިޓުތަކުގައި މިމަހު އެކަނިވެސް 1500 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން އަނބުރާ އެ ޤައުމަށް ވަނީ ފޮނުވައިފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖެއަށް ބިދޭސީން ގެނެސް ގެންގުޅުމުގެ މައްސަލައަކީ މިދިޔަ ސަރުކާރުން ހިންގައިފައި އޮތް އިންތިހާއަށް ބޮޑު ޖަރީމާއެއް ކަމަށް  ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީއާއި އިމިޤްރޭޝަންގެ ތެރެއިން އިންސާނީ ވަގުފާރި ގަސްތުގައި ހިންގާފައިވާކަމަށް ވެސް މިނިސްޓަރ ޝާހިދު ތުހުމަތު ކުރެއްވިއެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދު މަދުކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ހަރުދަނާކަން ފާހަގަކުރައްވައި އިކޮނޮމިކް މިނިސްޓަރ ކުރައްވާ މަސައްކަތްޕުޅު ފޮރިން މިނިސްޓަރ ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި އެކަމުގައި އެމިނިސްޓްރީއަށް ދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށް ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި 60000 އަށްވުރެ ގިނަ ބިދޭސީން އުޅޭނެކަމަށް ސަރުކާރުން ލަފާ ކުރައްވާއިރު ބައެއް ފަރާތްތަކުން ބުނަމުން ދަނީ އެޢަދަދު ލައްކައަކަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ކޮވިޑާ ގުޅިގެން މިދިޔަ ފެބްރުއަރީގައި ރެގިއުލޭޝަންގެ މަސައްތް ހުއްޓާލުމާ ހަމައަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ސާޅީހަކަށް ހާސް މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދިވެސް ރަޖިސްޓްރީ ނުކޮށްވެސް ވިހި ހާހަށް ވުރެ ގިނަ ބިދޭސީން އުޅޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާކުރައްވައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.