މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ މީގެކުރިން މެމްބަރުންގެ ފަރާތުން ނުފެންނަ މަންޒަރުތަކެއް ދައްކުވައިދިން ދުވަހެކެވެ. މިއަދު މަޖިލީހުގައި އޮތީ ކުކުޅު ބިސް ޖެހުމެވެ.
މަޖިލީހަށް މިއަދު ބިސް ކޮތަޅު ވެއްދީ ކޮންމެމްބަރެއްކަން ކަށަވަރު ނުވިޔަސް އަދި މެމްބަރުން އުކަމުންދިޔަ ބިސް ތަކަކީ ކޮން މެމްބަރެއްގެ ބިސް ކޮތަޅަކުން ނެގި ބިސްތަކެއްކަން މުޅިން ކަށަވަރު ނުވިޔަސް ސަރުކާރު ފަޅީގެ މެމްބަރުންގެ ބޮލުގައި އިދިކޮޅު މެމްބަރުން ވަނީ ބިސްކޮތަޅުގެ ޒިންމާ އަޅުވާފައެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހްލޫފް ވަނީ ސަރުކާރު މެމްބަރެއް ކަމަށްވާ ދާންދޫ ދާއިރާގެ މެމްބަރު އަޙްމަދު އަސްއަދުގެ މޭޒު ދޮށުގައި ބިސް ކޮތަޅު ހުއްޓައި ވީޑިޔޯކޮށް ފޮޓޯ ނަގާފައެވެ.
އަސްއަދުގެ މޭޒު ދޮށުން ބިސް ކޮތަޅު ފެންނަ ވީޑިޔޯ މަހްލޫފް އާންމު ކުރެއްވި ނަމަވެސް ސަރުކާރު މެމްބަރުން ވިދާޅުވަނީ އެއީ މަހްލޫފްގެ ބިސް ކޮތަޅެއް ކަމަށެވެ. ނަމަވެސް މަހްލޫފް އެކަން ދޮގު ކުރައްވައެވެ. އިދިކޮޅު މެމްބަރުން ވިދާޅުވަނީ ބިސް ޖެހުން ފެއްޓެވީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ކަމަށެވެ.
ބިސް ޖެހުމުގެ ތެރޭގައި މެމްބަރުންގެ ގަޔަށް ޖެހުމާއި މަޖިލީހުގެ ދޮރުފަތްތަކާއި މުށިތަކުގެ މައްޗަށް ބިސް އުކުންވެސް މިއަދު އޮތެވެ. އަދި ބަޔެއް މެމްބަރުން ބިހުގެ ލޮނދި ތަކުގެ ތެރެއިން ވެއްޓޭ މަންޒަރުވެސް ފެނެއެވެ. މެމްބަރުން އެއްމެމްބަރު އަނެއް މެމްބަރުންގެ ގަޔަށް އަތް ލެއްވުމާއި ހުތުރު ބަސްތަކުން ޒުވާބު ކުރުމުގެ އަމަލުތައްވެސް ފެންނަމުން ދެއެވެ. މިއަދު މަޖިލީހުގައި މައިގަނޑު ގޮތެއްގައި އޮތީ ބިހުގެ ސަކަރާތް ޖެހުމެވެ.