އިންޑިޔާގައި ހޮނުއަޅައިގެން 107 މީހުން މަރުވެއްޖެ

އިންޑިޔާގެ އިރުއުތުރުގެ ހިސާބުތަކަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ހޮނު އެޅުމުގެ ސަބަބުން އިއްޔެ އެކަނި 107 މީހުން މަރުވެއްޖެއެވެ. އުއްތަރް ޕްރަދޭޝްއާއި ބިހާރުގެ 31 ޑިސްޓްރިކްޓަކަށް އިއްޔެ ހޮނުއަޅާފައި ވާއިރު، ބިހާރުގައި 83 މީހުން އަދި އުއްތަރް ޕްރަދޭޝްގައި 24 މީހުން މަރުވެފައި ވެއެވެ. މީގެ އިތުރަށް އެ ދެ ސްޓޭޓުގައި އެތައް ބަޔަކަށް ވަނީ ހޮނުއެޅުމުގެ ސަބަބުން އަނިޔާވެފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި ހޮނުއަޅައިގެން މަރުވި ގިނަ މީހުންނަކީ އެ ވަގުތު ގޮވާން ދަނޑުތަކުގައި މަސައްކަތްކުރަން ތިބި މީހުންނެވެ. އުސް ގަސްތަކެއް ނުވަތަ އިމާރާތްތަކެއް ނެތް ހާމަ ދަނޑުބިންތަކުގައި އެެންމެ ފަސޭހައިން ހޮނު ދަމައިގަންނާނީ މީހުންނާ ދިމާއަށެވެ.

ބިހާރުގައި ރަތް އެލާޓް ނެރެފައި ވާއިރު، އެ ސްޓޭޓުގައި ކުރިއަށް އޮތް 72 ގަޑިއިރަށް މީހުން ބޭރަށް ނުުކުމެ ނުއުޅުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޓުވީޓެއްގައި މީހުން މަރުވި އާއިލާތަކަށް ތައުޒިޔާ ފޮނުއްވަމުން ވިދާޅުވެފައިވާ ގޮތުގައި، ދެ ސްޓޭޓުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ހާލުގައި ޖެހުނު އާއިލާތަަކަށް އެހީވުމުގެ މަސައްކަތްކުރަމުންނެވެ. ދެ ސްޓޭޓުގެ ސަރުކާރުން ވެސް ވަނީ މަރުވި ކޮންމެ މީހެއްގެ އާއިލާއަށް އެހީގެ ގޮތުގައި 4 ލައްކަ ރުޕީސް (81 ހާސް ދިވެހި ރުފިޔާ) ދިނުމަށް ނިންމާފައެވެ.

ކޮންމެ އަހަރަކުވެސް ޖޫން މަހުން ސެޕްޓެންބަރު މަހަށް ދެމިގެންދާ ވިއްސާރަ މޫސުމުގައި ހޮނުއަޅައިގެން ގިނަ ބަޔަކު މަރުވެއެވެ. އެހެންނަމަވެސް، ބިހާރުގެ ޑިޒާސްޓަރ މެނޭޖްމަންޓް މިނިސްޓަރު ލަކްޝަމޭޝްވަރް ރާއީ ވިދާޅުވި ގޮތުގައި އިއްޔެއަކީ ފަހުގެ ތާރީޚެއްގައި ހޮނުއަޅައިގެން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހޮނުއެޅުމުގެ ސަބަބުން އިންޑިޔާގައި 2018 ވަނަ އަހަރު 2300 މީހުން މަރުވެފައި ވެއެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.