ޝައްކު އުފެދޭ ލައިސަންސުގެ ސަބަބުން ޕީއައިއޭގެ 150 ޕައިލެޓަކު ސަސްޕެންޑުކޮށްފި

ޕާކިސްތާން ސަރުކާރުން ހިންގި ތަހުގީގަކުން  އެ ގައުމުގެ ގައުމީ އެއާލައިން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ގެ 150 ޕައިލެޓެއްގެ އަތުގައި އޮތީ އޭގެ ސައްހަކަމާމެދު ޝައްކު އުފެދޭ ޕައިލެޓް ލައިސަންސް ކަަމަށް ވާތީ އެ ޕައިލެޓުން ސަސްޕެެންޑުކޮށްފިއެެވެ. މިއީ އެ އެއާލައިނުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ޕައިލެޓުންނެވެ.

މި ފިޔަވަޅު އަޅާފައި މިވަނީ ފާއިތުވި މޭ މަހުގެ ފަހުކޮޅު ކަރާޗި އެއާޕޯޓު ކައިރިއަށް ޕީއައިއޭގެ މަތިންދާބޯޓެއް ވެއްޓި 97 މީހުން މަރުވި ހާދިސާ ހިނގާފައި ވަނީ ޕައިލެޓުންގެ ސަމާލުކަން ކުޑަވުމުގެ ސަބަބުން ކަމުގައި އިއްޔެ ހާމަކުރި އިބްތިދާއީ ރިޕޯޓުގައި ބުނެފައި ވަނިކޮށެވެ.

"އަހަރުމެންގެ 434 ޕައިލެޓުންގެ ތެރެއިން މިއަދުން ފެށިގެން 150 ޕައިލެޓުން މަތިންދާބޯޓު އުދުއްސުން ހުއްޓާލެވޭނެ." ޕީއައިއޭގެ ތަރުޖަމާނު ޢަބްދުﷲ ޚާން ވިދާޅުވިއެވެ.

"އަހަރުމެންގެ 150 ޕައިލެޓެއްގެ އަތުގައި އޮތީ އޭގެ ސައްހަކަމާމެދު ޝައްކުއުފެދޭ ޕައިލެޓް ލައިިސަންސުކަން ސިވިލް އެވިއޭޝަން އޮތޯރިޓީން ކުރި ތަހުގީގަކުން އެނގިފައިވާކަން އަަހަރުމެންނަަށް ވަނީ އަންގާފައި." ތަރުޖަމާނު ވިދާޅުވިއެވެ. މައްސަލަ އިތުރަށް ބަލައި ލައިސަންސުތަކުގެ ސައްހަކަން ކަަށަވަރުކުރެވެން ދެން އެ ޕައިލެޓުންނަށް މަތިންދާބޯޓު އުދުއްސުމުގެ ފުރުސަތު ނުދެވޭނެއެވެ.

އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގްވާމީ އުދުހުންތަކުގައި ޕީއައިއޭއިން ބޭނުންކުރަނީ 31 މަތިންދާބޯޓެވެ. ގެއްލުން ވަމުންދާ އެއާލައިން ކޮޅަށް ޖެހުމަށް ކުރީގެ ސަރުކާރުތަކުންވެސް މަސައްކަތްކުރި ނަމަވެސް އެކަން ވަނީ މިހާތަނަށް ކާމިޔާބުނުވެފައެވެ.

ޕައިލެޓުންގެ ލައިސަންސާ ބެހޭ މައްސަލަ ތަހުގީގުކުރަން ފަށާފައި ވަނީ 2108 ވަނަ އަހަރު ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއަަށް ފަހުގައެވެ. ހާދިސާއަށްފަހު ކުރި ތަހުގީގުތަކުން އެނގުނު ގޮތުގައި ވެއްޓުނު މަތިންދާބޯޓު ދުއްވަން އިން ޕައިލެޓްގެ ލައިސަންސުގައި އިމްތިހާނު ހެދި ދުވަސްކަމަށް ޖަހާފައި އޮތީ ބަންދު ދުވަހެކެވެ. ބަންދު ދުވަސްތަކުގައި ޓެސްޓު ނަހަދާތީ އެ ލައިސަންސުގެ ސައްހަކަމާމެދު ސުވާލު އުފެދުނީއެވެ.

އިތުރަށް ބެލި ބެލުމުން އެހެން ޕައިލެޓަަކު ޓެސްޓު ހެދިކަމަށްް އޭނާގެ ލައިސަންސުގައި ޖަހާފައި އޮތް ތާރީޚުގައި އޭނާ ހުރީ ގައުމުން ބޭރުގައި ކަން ވެސް ވަނީ ހާމަވެފައެވެ.

"އަަަަހަރުމެން މިދަނީ ޕައިލެޓްކަމުގެ ވަގު ލައިސަންސާ ބެހޭގޮތުން ޕާކިސްތާނުން ލިބެމުން ޚަބަރުތައް ބަލަމުން. އެއީ ކަންބޮޑުވާންޖެހޭ ކަމެއް އަދި ވައިގެ ދަތުރުފަތުރުގެ ކަންކަން ބަލަހައްޓާ ފަރާތުން ލައިސަންސް ދިނުމާއި، ރައްކާތެރިކަން ކަށަވަރުކުރުމުގައި ފަރުވާކުޑަކޮށްފައިވާ ކަމުގެ ހެެއްކެެއް." އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން ބުނެފައި ވެއެވެ.

ޔޫރަޕިއަން ޔުނިއަންގެ އެއާ ސޭފްޓީ އެޖެންސީންވެސް ބުނީ މި މައްސަލަ ބަލަމުންދާ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.