ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ކުރިޔަށް ދަނިކޮށް އަނބުރައިގަނެގެން ކޯޓު ރޫމް ތެރެއަށް ވެއްޓިއްޖެއެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ދައުވާގެ އެންމެ ފަހުގެ އަޑު އެހުންތައް މިއަދު ބޭއްވިއިރު ގާސިމް އަނބުރައި ގަނެގެން ކޯޓް ރޫމް ތެރެއަށް ވެއްޓުމުން އެމްބިއުލާންސްގައި ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
މިއީ ގާސިމް ބަލިހާލު ބޮޑު ވެގެން ފަހަކަށް އައިސް ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހުނު ތިންވަނަ ފަހަރެވެ. ޝަރީއަތް ކުރިޔަށް ދަނިކޮށް މީގެކުރިންވެސް ދެފަހަރެއްގެ މަތިން ގާސިމް ވަނީ އެޑްމިޓްކޮށް ފަރުވާ ދީފައެވެ. އެދެފަހަރުވެސް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ކޮށްފައި ވެއެވެ.
ގާސިމް ބައްލަވާ ޑޮކްޓަރުން ވިދާޅުވެފައި ވަނީ ހިތުގެ އޮޕަރޭޝަނެއް ކުރަންޖެހޭނެ ކަމަށާއި އެ އޮޕަރޭޝަން ކުރެވޭނީ ރާއްޖެއިން ބޭރުން ކަމަށެވެ. އަދި ރާއްޖޭގައި ކުރެވޭނެ ފަރުވާއެއް ނެތް ކަމަށެވެ. ނަމަވެސް ގާސިމްގެ ޝަރީއަތް ކުރިޔަށްދާން ފެށުމާއެކު ސަރުކާރުން ވަނީ ޕާސްޕޯޓު ހިފަހައްޓާފައެވެ.