ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19 ގެ ވަބާގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް އަންނާނެ ހީނަރުކަން ކުރިން ލަފާކުރި ވަރަށްވުރެ މާ ބޮޑުވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.
އައިއެމްއެފްގެ މި ލަފާކުރުމުން ހާމަވެގެން ދަނީ، 20 ވަނަ ގަރުނުގެ ކުރީކޮޅު ދުނިޔެއަށް އައި 'ގްރޭޓް ޑިޕްރެޝަން' އަށް ފަހު ދުނިޔެ ދުށް އެެންމެ ބޮޑު އިގުތިސާދީ އަޑިއަޅާލުން ކަމަށް އެ ފަންޑުން ސިފަކުރާ މި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ދުނިޔޭގެ ގައުމުތަކުގެ އިސްވެރިން ކުރައްވަމުން ގެންދަވާ މަސައްކަތަށް ހުރި ގޮންޖެހުންތަކެެވެ.
އައިއެމްއެފްގެ ޗީފް އެކޮނޮމިސްޓް ގީތާ ގޯޕީނާތު ލަފާކުރައްވާ ގޮތުގައި ކޮވިޑް- 19 ގެ ސަބަބުން އަންނަ އަހަރުގެ ނިޔަަލަށް ދުނިޔޭގެ އިގުތިސާދަށް ލިބޭ ގެއްލުން 12 ޓްރިލިއަން އެެމެރިިކާ ޑޮލަރަށްވުރެ ބޮޑުވާނެއެވެ.
އެފަންޑުން 'ދަ ގްރޭޓް ލޮކްޑައުން' ގެ ގޮތުގައި ސިފަކުރާ ލޮކްޑައުންތަކުގެ ދުނިޔޭގެ ގައުމުތަކުގެ އިގްތިސާދީ އުފެެއްދުންތެރިކަން މިއަހަރު އެވްރެޖު ގޮތެއްގައި %4.9 ދަށަށް ދާނެކަމަށް ވެއެވެ. އަދި އަންނަ އަަހަރު %5.4 މައްޗަށް ޖެހޭނެކަމަށް ވެއެވެ. އެހެންނަމަވެސް އައިއެމްއެފްއިން ލަފާކުރާގޮތުގައި އިގްތިސާދު ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެ ހަމަޖެހުމަށް ވަގުތު ބޭނުންވެއެވެ.
"ބޭހަކުން ހައްލު ހޯދިފައި ނެތުމުން، އަރައިގަންނަން ކުރާ މަސައްކަތުގައި ވަރުހުންނާނީ ކޮން މިންވަރަކަށް ކަމާމެދު ޔަގީންކަމެއް ނެތް. އަދި ތަފާތު ދާއިރާތަކަށާއި ގައުމުތަކަށް ކުރާނެ އަސަރާމެދުވެސް ޔަގީން ކަމެއް ނެތް." ގީތާ ވިދާޅުވިއެވެ.
ދުނިޔޭގެ އިގްތިސާދަށް ކުރާ އަސަރުގައި އެންމެ ބޮޑަށް އިގްތިސާދު ހީނަރުވާނެ ތެރޭގައި ޔޫރަޕުގެ ބޮޑެތި ގައުމުތައް ހިމެނޭނެކަމަށް އައިއެމްއެފުން ލަފާކޮށްފައި ވެއެވެ. އެގޮތުން، އިޓަލީގެ އިގްތިސާދު %12.8، ސްޕޭނާއި ފްރާންސުގެ އިގްތިސާދު %12.5 އަދި އިނގިރޭސިވިލާތުގެ އިގްތިސާދު %10.8 ދަށަށްދާނެކަމަށް އެ ފަންޑުން ލަފާކޮށްފައި ވެއެވެ.
ދެން އެންމެ ބޮޑަށް ހީނަރުވާނެ ކަމަށް ލަފާކޮށްފައި ވަނީ ލެޓިން (މެދުތެރޭ އަދި ދެކުނު) އެމެރިކާގެ ގައުމުތަކުގެ އިގްތިސާދެވެ. އެގޮތުން، މެކްސިކޯގެ އިގްތިސާދު %10.5، އާޖެންޓީނާގެ އިގްތިސާދު %9.9 އަދި ބްރެޒިލްގެ އިގްތިސާދު %9.1 ދަށަށް ދާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އެމެރިކާގެ އިގްތިސާދު %8 ދަށަށް ދާނެކަމަށް ލަފާކޮށްފައި ވާއިރު، އައިއެމްއެފުން ލަފާކޮށްފައިވާ ގޮތުގައި އެ ގައުމަކުން ކޮވިޑް- 19 ދުނިޔެއަށް ފެތުރިގެން ދިޔަ ޗައިނާގެ އިގްތިސާދު %1 ކުރިއަރާނެއެވެ.