ކުރީގެ ނައިބު ރައީސް އެމްއެމްޕީއާރުސީން ނެގި ޚިޔާނާތުގެ ފައިސާގެ ބަޔެއް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހްލޫފްއަށްވެސް އަދީބު ދެއްވައިގެން މަހްލޫފް ބޭނުން ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާޙް ވިދާޅުވީ ޚިޔާނާތުގެ ފައިސާ މަހްލޫފް ނެންގެވި ކަމަށް ހުވާ ކުރައްވަންވެސް ކެރިވަޑައިގަންނަވާނެ ކަމަށާއި އެވާހަކަތައް ދެކުމުން މަހްލޫފް އަބުރުގެ ދައުވާ ކުރައްވައިގެން އަނބުރުގެ ބަދަލުގެ ފައިސާ ދައްކަވަން ޖެހިވަޑައިގަތަސް ފަރުވާލެއް ކަމަށެވެ. އަދި ޖޫރިމަނާ ކޮށްފިނަމަ ދައްކާނެ ފައިސާވެސް އަތުގައި އެބަހުރި ކަމަށް ފަލާޙް ވިދާޅުވިއެވެ.
ފަލާޙްގެ ވާހަކަތައް ދޮގު ކުރައްވައި މަހްލޫފް ވިދާޅުވީ ފަލާހަކީ އޭނާއަށް މުހިންމު މީހެއް ނޫން ކަމަށާއި އެފަދަ ވާހަކަތައް ސަރުކާރު ފަޅިން ފަތުރަނީ އޭނާ މިހާރު އިނދިކޮޅު ފަރާތްތަކާއެކު އުޅޭތީ ކަމަށެވެ. އަދި އެފަދަ ދޮގު ވާހަކަތައް ދެއްކެވިޔަސް އެންމެ ތަންކޮޅެއްވެސް ފަހަތަށް ޖެހިވަޑައިނުގެން ރައީސް ޔާމީނާއި މަޖިލީހުގެ ރައީސް މަސީޙްއާ ދެކޮޅަށް އޭނާ ކުރައްވާ މަސައްކަތާއެކު ކުރިޔަށް ވަޑައިގަންނަވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.