މެދުތެރޭ އޭޝިޔާގެ ގައުމެއް ކަމުގައިވާ ކިރްގިޒްސްތާނުގެ ކުރީގެ ރައީސު އަލްމާޒްބެކް އާތަމްބަޔޭވް 11 އަހަރާއި 2 މަހަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ކޮރަޕްޝަންގެ ކުށް ސާބިތުވުމާ ގުޅިގެެންނެވެ. އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
އޭނާގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ ކުށް ސާބިތުވެގެން ޖަލަށް ލާފައި ހުރި މުޖުރިމަކު ޖަލުން ދޫކޮށްލުމަށް އަމުރުކުރެއްވުމެވެ. އާތަމްބަޔޭވްއަށް ތާއީދުކުރާ ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ މިހާރުގެ ރައީސު ސޫރޮންބާއި ޖީންބެކޯވްއާ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުމާ ގުޅިގެން އޭނާގެ މައްޗަށް ކޮށްްފައިވާ ސިޔާސީ ހުކުމެކެވެ.
ރާވައިގެން ބޮޑެތި ޖަރީމާ ހިންގުމަށް މަޝްހޫރު އަޒީޒޫ ބަތުކަޔޭވް 2013 އަހަރު ޖަލުން ދޫކޮށްލުމަކީ ކިރްގިޒްސްތާނުގެ ގިނަ ބަޔަކަށް ނުތަނަވަސްކަން ލިބުނު ކަމެކެވެ. ޗެޗެންޔާއަށް އުފަން އަޒީޒުއަކީ ސިޔާސީ ފަރާތްތަކާ ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް ވެއެވެ.
އުމުރުފުޅުން 63 އަހަރުގެ އާތަމްބަޔޭވް ވަނީ ކުރީގެ ސޮވިއެޓް ޔުނިއަން ރޫޅިގެން ދިއުމާއެކު މިނިވަންވި ކިރްގިޒްސްތާނުގެ ރައީސުކަން 2011 އިން 2017 އަށް ކުރައްވާފައެވެ. އޭނާ ވަނީ ކުރީގެ ދެ ރައީސުންގެ ވެރިކަން ބަދަލުކޮށްލި ބަޣާވާތްތަކުގައި ވެސް ބައިވެރިވަޑައިގެންފައެވެ.
އިދިކޮޅު މީހަކު މަރާލުމަށް އަމުރުކުރެއްވުމުގެ ކުށުގައި ވެސް އާތަމްބަޔޭވްގެ މައްޗަށް ޝަރީއަތްކުރެވެމުން އެބަދެއެވެ.
ކުރީގެ ރައީސު އާތަމްބަޔޭވްއާއި މިހާރުގެ ރައީސު ޖީންބެކޯވްއަކީ އެއް އިރެއްގައި ގާތް ދެ އެކުވެރިންނެވެ. 2107 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އާތަމްބަޔޭވް ތާއީދުކުރެއްވީ ޖީންބެކޯވްއަށެވެ. ނަަމަވެސް ޖީންބެކޯވް ވެރިކަމާ ހަވާލުވެވަަޑައިގެންނެވިތާ ގިނަ ދުވަސްތަކެއް ނުވެ ދެ ބޭފުޅުން ވަނީ ދެ ހަތުރުންނަށް ވެވަޑައިގެންފައެވެ.
ޑިސެންބަރު 1991 ގައި މިނިވަންވި ކިރްގިޒްސްތާނުގެ 6.5 މީހުންގެ އާބާދީގެ %90 އަކީ މުސްލިމުންނެވެ. އެގައުމަކީ ކުރީގެ ސޮވިއެޓް ޔނިއަން ރޫޅިގެން ގޮސް މިނިވަންވި ގައުމުތަކުގެ ތެރެއިން އެންމެ ފަގީރު އެއް ގައުމެވެ.