ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯރޓްގައި ހަމެޖެހިގެން ދާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެއަރޕޯރޓްގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ޤާއިމްކޮށްދެއްވަނީ ޗައިނާ ސަރުކާރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެއަރޕޯރޓްގައި ޗައިނާ ސަރުކާރުން ބަހަށްޓައިދެނީ އެއްހާސް ޓެސްޓް ހެދުމުގެ ޤާބިލްކަން ހުރި ސިސްޓަމެއް ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ޗައިނާ ސަރުކާރުގެ އެހީގައި އެއަރޕޯރޓްގައި ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖައްސަމުން ދަނީ ޗައިނާގެ ފަތުރުވެރިން ޤައުމުން ބޭރުވެފައި އެނބުރި ޤައުމަށްދާއިރު 120 ގަޑީއިރު ނުވާ ޕީސީއާރ ޓެސްޓެއްގެ ނަތީޖާ އޮންނަން ޖެހޭނެކަމަށް ބުނެފައި ވުމާއެކު އެއިންތިޒާމު ރާއްޖެއިން ހަމަޖައްސައި ދޭނެކަމުގެ ޔަޤީންކަން ދީފައި އޮތުމުން ކަމަށް ރައީސް ޞާލީހް ފާހަގަކުރެއްވިއެވެ. އެގޮތަށް ޓެސްޓް ހެދޭކަމަށްވާނަމަ ޗައިނާގެ ފަތުރުވެރިން ރާއްޖެއަންނާނެ ކަމުގެ ޔަޤީންކަން އެޤައުމުން ދީފައިވާކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. ޗައިނާ ނޫން އެހެން ޤައުމަކުން ވެސް ފަތުރުވެރިން ގަނަމުގައި އެދޭކަންކަން ފުރިހަމަ ކޮށްގެން ވެސް ފަތުރުވެރިން ގެނައުމަށް ކުރެވެން އޮތް މަސައްކަތް ތަކެއް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
ކުލައި 15 ގައި ރާއްޖޭގެ ބޯޑަރ ހުޅުވާލަނީ ވަކި ޤައުމެއް އިސްތިސްނާއެއް ނެތި ހުރިހާ ޤައުމަކަށް ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. ބޯޑަރު ހުޅުވާލާ ތާރީޙެއްގެ ގޮތުގައި ޖުލައި 15 ކަނޑައެޅިގެން ދިޔައިރު އެ ދުވަހުން ފެށިގެންވެސް ބައިނަލް އަޤްވާމީ ނުވަ އެއަރ ލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ރިކުއެސްޓް ކޮށްފައިކަމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީން ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި ރާއްޖެއަށް ގިނަ ޢަދަދަކަށް ފަތުރުވެރިން އުފުލާ އެއަރ ލައިންތައް ވެސް ހިމެނެއެވެ.
ބޯޑަރު ހުޅުވާލުމާއެކު ރާއްޖޭގެ ރިޒޯޓްތައް ވެސް ހުޅުވުމުގެ ހުއްދަ ދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އޮގަސްޓު މަހުގެ ތެރޭގައި، ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދެއްވުމަށް މަސައްކަތް ކުރައްވަމުން ދާކަމަށް ވިދާޅުވިއެވެ.