މިއަހަރު ހައްޖުވެރިންގެ އަދަދު ދިހަ ހާހަށްވުރެ މަދުވާނެ: ސައޫދީ ހައްޖު މިނިސްޓަރު

ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. މުޙައްމަދު ބިން ޞާލިޙު ބަންތަން

މިއަހަރު (1441ހ.) ގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެވޭނީ ސައޫދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންގެ ތެރެއިން މަދު ބަޔަކަށް އެކަނިކަން ރޭ ހާމަކުރުމަށް ފަހު އެކަމާ ބެހޭ އިތުރު ތަފްސީލު ސައޫދީ ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

މި ތަފްސީލު ހާމަކޮށްފައި ވަނީ ސައޫދީ ހެލްތު މިނިސްޓަރު ޑރ. މުޙައްމަދު ބިން ޞާލިޙު ބަންތަންއާއި، ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީޤު ބިން ޢަބްދުލްޢަޒީޒު އައްރަބީޢާއާއި ދެބޭފުޅުން އެކުގައި އޮންލައިންކޮށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ހައްޖު މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރު ޙައްޖުގެ އަަޅުކަން އަދާކުރުުމުގެ ފުރުސަތު ދެވޭނީ ދާއިމީ ބައްޔަކަށް ބޭސްކުރަމުން ނުދާ، އުމުރުން 65 އަހަރު ނުވާ މީހުންނަށެވެ.

ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ހެލްތު ޑރ. ތައުފީޤު ބިން ޢަބްދުލްޢަޒީޒު އައްރަބީޢާ

ހެލްތު މިނިސްޓަރު ހާމަކުރެއްވި ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރަން އަންނަ މީހުން، އައުމުގެ ކުރިން ކޮވިޑް- 19 އަަށް ޓެސްޓުކުރެވޭނެއެެވެ. އަދި ހައްޖުގެ އަޅުކަން ނިންމާލުމަށް ފަހު، އެނބުރި ދެވޭނީވެސް ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ފަހުގައެެވެ. އަދި އެމީހުން 14 ދުވަހަށް ކަރަންޓީނު ކުރެވޭނެއެވެ.

އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި ހައްޖުގެ އަޅުކަމުގެ ތެރޭގައި ހައްޖުވެރިންގެ ސިއްހީ ހާލަތު ކޮންމެ ދުވަހަކު ބެލޭނެއެވެ. އަދި އަޅުކަން އަދާކުރާއިރު، ސޯޝަލް ޑިސްޓެންސިންގެ އުސޫލަށް ހައްޖުވެރިން ތަބާާވާންޖެހޭނެެއެވެ.

އިތުރު ތަފްސީލު ދެއްވަމުން ހައްޖު މިނިސްޓަރު ބަންތަން ވިދާޅުވި ގޮތުގައި މިއަހަރު ހައްޖުވެރިންގެ އަދަދު ވަރަށް މަދުވާނެއެވެ. އޭނާ ލަފާކުރެއްވި ގޮތުގައި އެ އަދަދު 10 ހާހަށްވުރެ މަދުވާނެއެވެ. އަދި އޭނާ ވިދާޅުވީ ކޮވިޑް-19 ޖެހިފައި ނެތަސް، ބޭރު ގައުމަކުން އަންނަ އެެއްވެސް މީހަކަށް މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ނުދެވޭނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.