މިއަހަރު ހައްޖުގެ އަޅުކަން އަދާކުރާނީ ސައޫދީ އަރަބިއްޔާގެ އެތެރެއިން ދާ މީހުން އެކަނި

މިއަހަރު، (1441 ހ.) ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެވޭނީ ވަރަށް މަދު އަދަދެއްގެ މީހުންނަށް ކަމުގައި ސައޫދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ.

ހައްޖު މިނިސްްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވާގޮތުން ކޮވިޑް- 19 ގެ ހާލަތު އަދިވެސް ރަނގަޅު ނުވާތީ، ބޭރު ގައުމުތަކުން މިއަަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިއުމުގެ ހުއްދަ ނުދިނުމަށް ވަނީ ނިންމާފައެވެ. އަދި މިފަހަރު ހައްޖުގެ އަޅުކަން އަދާކުރުމުުގެ ފުރުސަތު ދެވޭނީ ސައޫދީ އަރަބިއްޔާގެ އެތެރެއިން އަންނަ މީހުންނަށް އެކަންޏެވެ. ސައޫދީ ރައްޔިތުންނާއި، އެގައުމުގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންގެ ތެރެއިން މަހުދޫދު (ލިމިޓެޑް) އަދަކަށް އެ ފުރުސަތު ލިިބޭނެއެވެ.

"މި ބަލިމަޑުކަން (ކޮވިޑް- 19) ދެމިގެންދާތީއާއި، މުޖުތަމައުގައްޔާއި، ގިނަ ބަޔަކު އެއްވާ ތަންތަނުގައްޔާއި، ދުނިޔޭގެ ގައުމުތަކުގެ މެދުގައި ކުރެވޭ ދަތުުރު ފަތުރުގެ ސަބަބުން މި ބަލިފެތުރުމުގެ ނުރައްކާ އޮތަތީއާއި، ދުނިޔޭގެ ގައުމުތަކުގައި މި ބަލި ފެތުރޭ ނިސްބަތް މަތިވަމުން ދާތީ، ސައޫދީ އަރަބިއްޔާގައި ތިބި ތަފާތު ގައުމުތަކުގެ މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް އެދޭ ފަރާތްތަކުގެ ތެރެއިން މަހުދޫދު ބަޔަކަަށް މިއަަހަރު (1441ހ.) ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ." ހައްޖު މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ކޮވިޑް- 19 ގެ ސަބަބުން ދުނިިޔޭގައި މިހާތަނަށް ބައި މިލިޔަނެއްހާ މީހުން މި ބަލީގައި މަރުވެފައިވާ ކަމާއި، 7 މިލިއަނަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާކަން ހައްޖު މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

"މި ނިންމުން ނިންމީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ނަޒަރުން ބަލައި، ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އެޅުމާއެކު، ޒަރޫރީ ސޯޝަލް ޑިސްޓެންސިންގެ އުސޫލުތައް ހިފެހެއްޓުމާއެކުގައެވެ.

ފާއިތުވި އެޕްރީލް މަހުގެ ކުރީކޮޅުއްސުރެ ސައޫދީ އަރަބިއްޔާގައިި އޮތް ލޮކްޑައުން ދޫކޮށްލައި އާއްމު ހާލަތަކަށް ބަދަލުވުމުގެ މަސައްކަތް ފަށާފައި ވިޔަސް، އުމްރާގެ އަޅުކަން އަދާކުރުމާއި، ބައިނަލް އަގުވާމީ ދަތުރުތައް އަދިވެސް އޮތީ މަނާކޮށްފައެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެންމެ ހަލުވިކޮށް ކޮވިޑް-19 ފެތުރެމުންދާ ސައޫދީ އަރަބިއްޔާގައި މިހާތަނަށް 1 ލައްކަ 60 ހާހަށްވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި 3 ހާހަށްވުރެ ގިނަ މީހުން ވަނީ މިބަލީގައި މަރުވެފައެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.