އެއްދުވަހުގެ ތެރޭގައި އިންޑިއާގެ 15 ހާސް މީހުނަށް ކޮރޯނާވައިރަސް ޖެހިއްޖެ

ކޮރޯނާވައިރަސް ބާރަށް ފެތުރެމުންދާ އިންޑިއާގައި އާދީއްތަ ދުވަހު އެކަނިވެސް 15 ހާހަށްވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ފައްސިވެއްޖެއެވެ.

ކޮރޯނާވައިރަސްގެ ތަފާސް ހިސާބުތައް އެންމެ ބަރާބަރަށް ބަލަހައްޓަމުންދާ އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވަރސިޓީން ބުނި ގޮތުގައި ކޮރޯނާވައިރަސް އިންޑިއާގައި ފެތުރެން ފެށިފަހުން އެންމެ ގިނަ ބަޔަކު ބައްޔަށް ފައްސިވީ އާދީއްތަ ދުވަހުގައެވެ.

ހޯމަ ދުވަހުގެ މެންދުރުގެ ހިސާބުތަކަށް ބަލާއިރު އިންޑިއާގެ 425490 އަށްވުރެ ގިނަ މީހުން މިހާތަނަށް ބައްޔަށް ވަނީ ފައްސިވެފައެވެ. އަދި ބަލިޖެހިގެން 13700 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

މުޅިދުނިޔެއަށް ބަލާއިރު އިންޑިއާ ހިމެނިފައި ވަނީ ކޮރޯނާވައިރަސް އެންމެ ގިނައިން ހަތަރުވަނައަށް ޖެހިފައިވާ ގައުމުގެ ގޮތުގައެވެ. އިންޑިއާއަށްވުރެ ބަލިމީހުން ގިނައީ އެމެރިކާއާއި ބްރެޒިލްއާއި ރަޝިޔާގައެވެ.

އިންޑިއާގައި ފަހަކަށް އައިސް ކޮރޯނާވައިރަސް ފަތުއަޑުކިޔާފައި ފެތުރެންފެށީ ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ދެ ހަފުތާއެއްހާ ދުވަސްކުރިން ފުރަބަންދު އުވާލުމުންނެވެ. ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރުމަހަށް ދިގުދެމިގެންދާ އިންޑިއާގެ ވިއްސާރަ މޫސުމުގައި ބަލިމީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެގެންދާނެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީއާއި މުމްބާއީގެ އިތުރަށް އާބާދީ ގިނަ ބޮޑެތި ރަށްރަށުގައި ކޮރޯނާވައިރަސް ކޮންޓްރޯލު ނުކުރެވި ފެތުރެމުންދިއުމާއެކު ގައުމުގެ ސިއްހީ ނިޒާމުގެ ދޯހަޅިކަން ދަނީ ހާމަވަމުންނެވެ. އަދި އެތައްހާސް ބަޔަކަށް އެކަށީގެންވާ ސިއްހީ ޚިދުމަތް ނުލިބުމުގެ ޝަކުވާގެ އަޑު ވަނީ ގަދަވެފައެވެ. އަދި ބަލިމީހުން އެނދުމަތިކުރާނެ އެނދު ނެތުމުގެ ސަބަބުން އެތައްބަޔަކު އަނބުރާ ގެއަށް ފޮނުވުމުގެ ބިރުވެރިކަމާ ރައްޔިތުންނަށް ވަނީ ކުރިމަތިލާންޖެހިފައެވެ.

ޕާކިސްތާނުން ވެސް އާދީއްތަދުވަހު އެކަނި 4470 އަށްވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޖެހުނެވެ.

އާދީއްތަދުވަހުގެ ރިޕޯޓުތަކަށް ބަލާއިރު ދުނިޔޭގެ އެކި ސަރަހައްދުތަކުން 183000 އަށްވުރެ ގިނަމީހުންނަށް ކޮރޯނާވައިރަސްޖެހިފައިވެއެވެ. އެއީ އެއްދުވަހުގެތެރޭގައި އެންމެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޖެހުނު ދުވަސްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.