ތިން މީހުން ޕޮޒިޓިވްވި ނަމަވެސް ގއ. މާމެންދޫ، މޮނިޓަރިންނަށް ނުލުމަށް ނިންމައިފިއެވެ. މާމެންދޫ މޮނިޓަރިންނަށް ނުލުމަށް ނިންމެވީ އެރަށުގައި ބަލި ނުފެތުރޭތީކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ވިދާޅުވިއެވެ.
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވީ މާމެންދޫގައި ޕޮސިޓިވްވެފައި ވަނީ އިމްޕޯރޓް ވެފައިވާ ކޭސްތަކަކަށްވެފައި ކަރަންޓީން ކުރެވިފާއިރު، ރަށުތެރޭގައި ބަލި ފެތުރެމުން ނުދާތީ އެރަށް މޮނިޓަރިންނަށް ގެންދަން ޖެހޭކަމަށް ނުބެލެވޭކަމަށް ނިންމަވައިފައިވާކަމަށެވެ. ގއ.މާމެންދޫން ޕޮޒިޓިވްވެފައި ވަނީ މާލެއިން އެކުގައި ދަތުރުކޮށް އެކުގައި ކަރަންޓީން ވެފައިވާ ތިން މީހުންނެވެ. ފުރަތަމަ ޕޮޒިޓިވްވީ އެންމެ މީހެކެވެ. އަނެއް ދެމީހުން ޕޮޒިޓިވް ވީ އޭގެ ފަހުން އަލާމާތްތައް ފެނިގެން ހެދިޓެސްޓްތަކުންނެވެ.
މާމެންދޫ ފުރަތަމަ ޕޮޒިޓިވް ކޭހާ ގުޅިގެން 13 މީހަކު ކަރަންޓީން ކުރެވިފައިވާކަމަށް ވެސް މަބަރޫކް ވިދާޅުވިއެވެ. އެއީ އެމީހާޔާއެކު ކަރަންޓީންވެގެން ތިއްބާ މިއަދު ޕޮޒިޓިވް ދެމީހުންގެ އިތުރުން މާމެންދޫ އިތުރު މީހަކާއި އެމީހުންނާ އެއްފަލައިޓަކުން ދަތުރުކުރި ގެމަނަފުށީ ފަސް މީހަކާއި މާލެއިން ބައްދަލުވި ފަސް މީހެކެވެ. މާލެއިން ކަރަންޓީން ކުރި ފަސް މީހުންގެ ތެރެއިން ދެ މީހުންނަކީ އެއާޕޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފުންނެވެ.
މިހާރު މާމެންދޫން ޕޮސިޓިވް ވެފައިވާ ތިން މީހުންގެ އިތުރުން ކަރަންޓީނުކުރެވިފައި ވަނީ ރިސޯޓުގައި ކަރަންޓީނު ފުރިހަމަކޮށް އެރަށަށް ދިޔަ މީހަކެވެ. އެމީހާ މިހާރު ޕޮޒިޓިވްވެފައިވާ މީހުންނާ ބައްދަލުވީ ކޫއްޑޫ އެއަރޕޯރޓުންކަމަށް މަބްރޫކް ވިދާޅުވިއެވެ. އެމީހާ މާމެންދުއަށް ދިޔައީވެސް ވަކިން ކަމަށް ވިދާޅުވިއެވެ. ކަރަންޓީން ކުރެވިފައިވާ މީހާ އެރަށުގައި އޮތް ޖަނާޒާއެއްގައި ވެސް ބައިވެރިވެ ގިނަ ބަޔަކާ ބައްދަލު ވެފައިވާތީ އެރަށުގެ މީހުންގެ މެދުގައި ހިތް ނުތަނަވަސް ކަން އުފެދިފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ އެސަބަބަށް ޓަކައި އެމީހާގެ ޕީސީ އާރު ޓެސްޓެއް ހެދުމަށް ނިންމައިފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އާއްމު ގޮތެއްގައި ކަރަންޓީން ކުރެވޭ މީހުންގެ ޓެސްޓްތައް ހެދެނީ އެމީހުންގެ ކިބައިން އަލާމަތްތައް ފެނި ނުވަތަ ކަރަންޓީންގެ 14 ދުވަސް ހަމަވުމުންކަން ވެސް މަބަރޫކް ފާހަގަ ކުރެއްވިއެވެ
މިރޭގެ ޕްރެސް ކޮންފަރެންސް ޑރ އިބްރާހީމް އަފްޒަލް ވިދާޅުވީ މާމާމެންދޫން މިހާރު ޕޮޒިޓިވް ވެފައިވާ މީހުންނާ ފަހުން ކަރަންޓީންކުރެވުނު މީހާޔާ ބައްދަލުވެގެން އޭނާގެ ހަށިގަނޑަށް ވައިރަސް އެރިފަހުން އެހެން ބައެއްގެ ހަށިގަނޑަށް އޭނާގެ ފަރާތުން ވައިރަސް އެރުމަށް މަދުވެގެން ދެދުވަސް ބޭނުންވާ އިރު އޭނާ ޖަނަޒާގައި ބައިވެރިވެ ރަށުގެ މީސްމީހުންނާ ބައްދަލުވެފައި ވަނީ ބަލި ފެތުރޭނެކަމަށް ބެލެވޭ މުއްދަތުގެ ކުރިން ކަމަށެވެ.