ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދުވަސް ތަކަކަށް މެދުކެނޑިފައި އޮތުމަށް ފަހު މަޖިލީހުގެ ޖަލްސާއެއް މާދަމާ ހެނދުނު ބާއްވަން އެޖެންޑާ ކޮށްފިއެވެ.
މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ ތިން ކަމެކެވެ. އޭގެތެރޭގައި އެމްއެމްއޭގެ ގަވަރުނަރު ކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ އަޙްމަދު ނަސީރުގެ ނަންފުޅަށް މަޖިލީހުގެ ރުހުން ހޯދުމާއި ސްރީލަންކާއަށް ކަނޑައެޅުއްވުމަށް ރައީސް ފޮނުއްވާފައިވާ މުޙަންމަދު ޙުސައިން ޝަރީފްގެ ނަންފުޅަށް ރުހުން ހޯދުންވެސް ހިމެނެއެވެ. މީގެއިތުރުން ދެން އެޖެންޑާ ކޮށްފައި ވަނީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަރޯޔާ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމެވެ.
މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވުނީ ޖުލައި މަހުގެ ތިން ވަނަ ދުވަހުއެވެ. ނަމަވެސް އޭގެފަހުން ހުސްވި މަހުގެ 31 ވަނަ ދުވަހުވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެޖެންޑާކޮށް ޖަލްސާ ފެށިއެވެ. އެދުވަހު ޖަލްސާ ވަނީ ކުރިޔަށް ނުގެންދެވިފައެވެ. އިދިކޮޅު މެމްބަރުން މަޖިލީހުގެ ރިޔާސަތު ހިސޯރު ކުރުމުގެ ސަބަބުން މަޖިލީހުގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުން ތަކަށް ފަހު މަޖިލީހުގެ ފާޚާނާއެއްގައިވާ ޓިޝޫ ތަކެއްގައި އަލިފާން ރޯވުމުން މަޖިލިސް މެދުކަނޑާލާފައި އޮންނަތާ މިހާރު ދޮޅުމަހެއް ވަރު ވަނީއެވެ.